ގެދޮރުވެރިކަމާ ބެހޭ ކޮމިޓީ ޖޫން މަސް ނިމޭއިރު އުފެއްދޭނެ: ނާޒިމް

4 months ago

އަފްރާހް

ގެދޮރުވެރިކަމާ ބެހޭ ކޮމިޓީ އަންނަ ޖޫން މަސް ނިމޭއިރު އުފެއްދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.


ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މި ކޮމިޓީއާއެކު ގެދޮރުވެރިކަމާއި ގުޅިގެން މީގެކުރިން ދިމާވެފައިހުރި މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.


ނާޒިމް ވިދާޅުވީ ގެދޮރުވެރިކަމާ ބެހޭ ހުރިހައި މައްސަލަތަކެއް އެ ކޮމިޓީއަށް ދިޔައިމަ، އެ ކޮމިޓީގައި ހިމެނޭ ބޭފުޅުންނަށް އެކަންކަން ދިރާސާކޮށް، މިދިޔަތަނުގައި މި ދިމާވި މައްސަލަތަކަށް ހައްލު ހޮދައިދެވެނޭ މަގު ފަހުވާނެ ކަަމަށެވެ.


މީގެއިތުރުން ކޮމިޓީއަކާ މިފަދަ ހައްސާސް މައްސަލައެއް ހަވާލުކުރުމަކީ މިކަމަށް ދާއިމީ ހައްލެއް ލިބުމަށް އެޅޭނެ ވަރަށް ބޮޑު ބާރެއް ކަމުގައި އެމަނިކިފާނު ދެކެވަޑައިގަންނަވާ ކަަމަށް ވެސް ވިދާޅުވިއެވެ.


ގެދޮރުވެރިކަމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެންމެ އިސްކަންދެއްވާ އެއް ސިޔާސަތުކަމުގައިވާއިރު، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް، ގާނޫނީ ގޮތުން ގެނެވެން ހުރި ބަދަލުތައް ގެނެސް، އައު ގާނޫނުތައް އެކުލަވައިލުމަށް ވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު