1 month ago
ބޭންކަށް ޑޮަލަރު މާރުކުރުމާއި ގުޅޭގޮތުން އެމްއެމްއޭގެ އައު ގަވާއިދަށް ތާއީދު ކުރައްވާކަމަށް ޓެންޑަރ ބޯޑުގެ ކުރީގެ މެންބަރު އިސްމާޢީލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
އޭނާ މިކަމަށް ތާއީދުކުރައްވާކަން ހާމަކުރެއްވީ މީސްމީޑިއާގެ 'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓުތަކަކާއި 'ކްލަބު ހައުސް' ގައި ވާހަކަ ދައްކަވަމުންނެވެ.
ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު ޒަރިޔަންދު ވިދާޅުވީ ބައެއް ވިޔަފާރިވެރިން ޑޮލަރު މާރުކުރުމަށް ފޫކަހަނީ ޓެކްސްއަށް ހަދާ މަކަރު ހާމަވެދާނެތީ ކަމަށެވެ. އަދި ޑޮލަރު މާރުކުރުމާއި ދެކޮޅުހަދާ ވިޔަފާރިތަކުން އެކަމަށް އިންކާރުކުރަނީ އެ ފަރާތްތަކުން ހުށަހަޅަންޖެހޭ ބަޔާންތަކުން ދައުލަތަށް ޓެކްސްއަށް ހަދާ މަކަރު ހާމަވެދާނެތީ ކަމަށެވެ.
" ޔުނިވަރސަލް ގްރޫޕުން 500 ޑޮލަރު މާރުކުރުމަށް ފަސްޖެހެންވީ ސަބަބެއް ނެތް. އެ ކުންފުނިން އެކަނިވެސް މުވައްޒަފުންގެ މުސާރައާއި ސަޕްލަޔަރުންނަށް ފައިސާ ދެއްކުމަށް ބޮޑެތި އަދަދުތަކުން ޑޮލަރު މާރުކުރާނެ. ތެޔޮ ގަތުމަށްވެސް ގިނަ އަދަދަކަށް ޑޮލަރު މާރުކުރަންޖެހޭނެ." ޒަރިޔަންދު ވިދާޅުވިއެވެ.
މީގެއިތުރުން ކޮންމެ މަހަކު އަންނަ ފަތުރުވެރިއެއްގެ ބޮލަކަށް ޖެހޭ ނިސްބަތުން 500 ޑޮލަރު މާރުކުރަން ދެކޮޅުހަދަންޖެހޭ ސަބަބެއް ނުވިސްނޭ. އަދި އެކަމަށް ތިން މަސްދުވަހުގެ މުއްދަތެއްވެސް ލިބިގެންދޭ. އެހެންކަމުން 500 ޑޮލަރު މާރުކުރުމަކީ ކަންބޮޑުވާންޖެހޭވަރުގެ ކަމެއް ނޫން," ޒަރިޔަންދު ވިދާޅުވިއެވެ.
ޒަރިޔާންދު އިތުރަށް ވިދާޅުވެފައިވަނީ މިފަދަ މައްސަލަތަކުގައި ބައެއް ބޮޑެތި ވިޔަފާރިވެރިންގެ ޢަމަލުތައް ހުންނަ ގޮތް ދިވެހި ރައްޔިތުންނަށް އޮޅިފައި ނުވާ ކަމަށެވެ. އަދި މި ކަންކަމުގައި އެ ފަރާތްތަކުގެ އަމިއްލަ މަސްލަހަތު އިސްކުރާކަން ވަނީ ފާހަގަކުރައްވާފައެވެ.
ޒަރިޔަންދުއަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސިޔާސީ ފިކުރަށް ތާއީދު ކުރައްވާ ބޭފުޅެކެވެ.