11 hours ago
ރާއްޖޭގެ އެއްވެސް އާންމު ތަނެއްގައި އިސްލާމްދީން ފިޔަވައި، އެހެން އެއްވެސް ދީނެއްގެ އަޅުކަމާ ގުޅޭ އެއްވެސް ކަމެއް ހިންގުމަކީ ކަނޑައެޅިގެން މަނާކަމެއްކަމުގައި އިސްލާމިކް މިނިސްޓްރީން ހަނދާންކޮށްދީފިއެވެ.
އެ މިނިސްޓްރީން ވަނީ ގެސްޓް ހައުސް ހިންގާ ރަށްރަށުގައި ވެސް އެކަހަލަ ތަންތަން ހިންގުމުގެ ގަވާއިދާ އެއްގޮތަށް އުޅުމަށާއި އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭ ކަހަލަ ހެދުމެއްގައި އުޅުމަށް ފަތުރުވެރިންނަށް އިރުޝާދު ދިނުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ރަށްރަށުގެ ކައުންސިލްތަކުން ވެސް އެކަންކަމަށް ހާއްސަ ސަމާލުކަމެއްދީ، އެފަދަ މައްސަލަތަކުގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ވަނީ އަންގަވާފައެވެ.
މީގެއިތުރުން ރާއްޖޭގައި އެހެން ދީންތަކުގެ ޝިއާރު ފާޅުކޮށް ހަރަކާތްތައް ހިންގުމަކީ މަނާކަމެއް ކަމުގައި ވެސް އެ މިނިސްޓްރީން ރަށްރަށުގެ ކައުންސިލުތަކަށް ފޮނުއްވި ސަރކިއުލާއެއްގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި އެކިއެކި ވަޒީފާތަކަށް ބިދޭސީން ގެންނަ ފަރާތްތަކުންނާއި ފަތުރުވެރިން ގެންނަ ފަރާތްތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެމީހުންނަށް އިރުޝާދު ދިނުމަށް އަންގާފައި ވެއެވެ.
"ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާއިދުގައިވާ ގޮތަށް ބިދޭސީންނާއި ފަތުރުވެރިންނަށް އިރުޝާދު ދިނުމަކީ އެމީހުން ރާއްޖެ ގެންނަ ފަރާތްތަކުގެ ޒިންމާއެއް."
ކްރިސްޓިއަނުން ފާހަގަކުރާ ކްރިސްމަސް ދުވަހާ ދިމާކޮށް ކޮންމެ އަހަރަކު ވެސް، ބައެއް އާންމު ތަންތަނުގައި ކްރިސްމަސް ޑެކަރޭޝަންތަކާއި އެކަމަށް ހިތްވަރުދޭ ކަންކަން ކުރިއަށްގެންދާ މައްސަލަ ރާއްޖޭގައި ވަނީ ފެންމަތިވެފައެވެ. އަދި މިއަހަރު ވެސް އެފަދަ ބައެއް ކަންކަން ފާހަގަވެ، ކަމާއިބެހޭ އިދާރާތަކުގެ ސަމާލުކަަމަށް ވެސް އައިސްފައި ވެއެވެ.
އަލީ
އަލްމަރުކަޒުލް އިސްލާމީ...ގެ ފަހު ބައިގައި އެއޮތް މީ ރަނގަޅެއް ނޫން. ޔާގެ ކޮޅު ކިތަންމެ މައްޗަށް ދިގުކުރިޔަސް މީމަކަށް ނުވާނެ..އެ ނަން ލިޔެފަ އެއޮތީ ޚައްޠުއްދީވާނީން.އެ ފޮންޓް ކޮންމެވެސް ވަރަކަށް އެނގޭތީ އެކަން ފާހަގަ ކޮށްލީ.
6 hours ago