1 month ago
އަޅުގަނޑުމެންގެ ޤައުމު އަޅުގަނޑުމެން އިސްކުރުމަކީ އެހެން ޤައުމުތަކުން އަޅުގަނޑުމެންނާ ދޭތެރޭ ދެކޭގޮތް ބަދަލުވެ، އެ ޤައުމުތަކުން އަޅުގަނޑުމެންނަށް ކުރާ އިޙުތިރާމު އިތުރުވެގެން އަންނަ ކަމެއް ކަމުގައި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް އެއް އަހަރުފުރުމާ ގުޅިގެން ސަންގު ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ރައީސް ބައިވެރިވެވަޑައިގަންނަވާ ހުރިހާ ފޯރަމެއްގައި ވެސް، އަޅުގަނޑުމެންގެ ޤައުމު ކިތަންމެ ކުޑަޔަސް، އަޅުގަނޑުމެންގެ އާބާދީ ކިތަންމެ ކުޑަޔަސް، އަޅުގަނޑުމެންގެ އާބާދީ ކުދިކުދި ރަށްތަކެއްގައި މިހެން ބެހިފައި އޮތްކަމުގައިވީ ނަމަވެސް، އަޅުގަނޑުމެންނަކީ އިންސާނުން ކަމަށާއި އަޅުގަނޑުމެންގެވެސް އަޑެއް އޮންނާނެކަމާއި ފަޚުރުވެރިވާ އަމިއްލަވަންތަ ބައެއްގެ ގޮތުގައި ސިފަކުރެވޭ ގޮތަށް ވާހަކަފުޅުދައްކަވާފައިވާ ކަމުގައި ނައިބު ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖޭގެ ކަނޑުއަޑީގެ ޗާޓު ނުވަތަ ކުރެހުންތައް ހެދުމުގެ މަސައްކަތް ވަކި އެއް ބައެއްގެ އަތްމައްޗަށް ހިނގައިދާނެތީ އެ ކަންބޮޑުވުން، މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި ފާޅުކުރައްވާފައިވާނެ ކަމަށާއި އެހެންނަމަވެސް މިއަދު ދިވެހިން އެކަން ކުރަމުންދަނީ އަމިއްލައަށްކަން ފާހަގަކުރައްވައި، އެ މަނިކުފާނު ވަނީ ރައީސްގެ ޒަޢާމަތުގައި އެކަން ކުރުމުގެ ފުރުޞަތު ދިވެހިންނަށް ފަހިކޮށްދެއްވިކަމުގައި ވަނީ ވިދާޅުވެފައެވެ.
ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އިޤުތިޞާދީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރެއްވި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޭރު ދައްކަމުން އައި ވާހަކަތަކާއެކު ސަރުކާރާއި ހަވާލުވެ، އެންމެ ބޮޑު ގޮންޖެހުމަކަށް ކުރިމަތިވި ކަމަކީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުން ކަމުގައި ވިދާޅުވެފައެވެ. އަދި ވެރިކަމާއި ހަވާލުވެ، ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަ ވެސް ކުރެއްވި މަސައްކަތްޕުޅަކީ އެ ހާލަތު ރަނގަޅުކުރުން ކަމުގައި ފާހަގަކުރެއްވިއެވެ.
އެގޮތުން އެންމެ ފުރަތަމަ ކުރެއްވި މަސައްކަތްޕުޅަކީ މާލީ ނިޒާމުގައި ހުރި ގޮންޖެހުންތައް ނައްތާލުން ކަމަށާއި ދަރަނިތައް ރީސްޓްރަކްޗަރކޮށް، ތަރުތީބުކުރައްވައި އެކުލަވާލެއްވުމަށްފަހު، ރާއްޖޭގެ ކުންފުނިތައް އޮތް ޙާލަތުން އަރައިގަތުމަށްޓަކައި ބައިވަރު މަސައްކަތްތަކެއް ކުރެވުނުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.