1 month ago
ސިޔާސީ ޕާޓީގެ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވައިފިއެވެ.
މިއީ ނޮވެމްބަރ 13 ވީ ބުދަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 49 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
މި ބިލުގެ ދަށުން، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ ސިޔާސީ ޕާޓީއެއް، ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އުވާލެވޭ ހާލަތެއްގައި، އުވާލާފައިވާ ޕާޓީއަކުން ބޭނުންކޮށްފައިވާ ނަމާއި ނިޝާނާއި ސިއްކައާއި ކުލައާއި އެނޫން ވެސް ޕާޓީ ރަމްޒުކޮށްދޭ އެއްޗެހި، އަލަށް އުފައްދަން ހުށަހަޅާ ސިޔާސީ ޕާޓީއަކަށް ބޭނުންކުރެވޭނީ، އެ ސިޔާސީ ޕާޓީއެއް އުވާލާ ތާރީޚުން ފެށިގެން 5 އަހަރު ފަހުން ކަމުގައި ވަނީ ބަޔާންކޮށްފައެވެ.
މީގެއިތުރުން ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް އެދި ހުށަހެޅުމުގައި ޢަމަލުކުރަންޖެހޭ ގޮތުގެ އުސޫލަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
މި އިސްލާހުގެ ދަށުން، ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާއަކީ، ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ ސުމެއް ޕޮއިންޓް އެކެއް އިންސައްތައާއި ސުމެއް ޕޮއިންޓް ދޭއް އިންސައްތައާ ދެމެދުގެ އަދަދަކަށް ވާންޖެހޭނެކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.
ހަމަ މި ބިލުގެ ދަށުން، ޕާޓީއެއްގެ މެންބަރުކަމަށް ގަވާއިދާ ޚިލާފަށް މީހެއްގެ ނަން ހުށަހެޅުން ފިޔަވައި، ގާނޫނުގެ އެހެން މާއްދާއަކާ ޚިލާފުވާ ފަރާތްތަކަށް އަދަބު ކަނޑައެޅުމުގެ މާއްދާ ވަނީ އިސްލާހުކޮށްފައެވެ.
އެގޮތުން، ގާނޫނުގެ އެހެން މާއްދާއަކާ ޚިލާފުވާ ފަރާތެއް -/30,000 (ތިރީސްހާސް) ރުފިޔާއާއި -/75,000 (ހަތްދިހަފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު، އެ ޢަމަލެއް ހިންގި ފަރާތެއް ނިސްބަތްވާ ޕާޓީއެއް، -/100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ކަނޑައަޅާފައެވެ.
މި ގާނޫނަށް ޢަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.
ސިޔާސީ ޕާޓީގެ ގާނޫނަކީ ރާއްޖޭގައި ސިޔާސީ ޕާޓީ އުފެއްދުމާއި، ރަޖިސްޓަރީ ކުރުމާއި، ހިންގުމާއި، ޕާޓީގެ މެންބަރުކަމާއި، ޕާޓީގެ ނަމުގައި އިންތިޚާބުތަކަށް ކުރިމަތިލުމާއި، ޕާޓީއަށް މުދަލާއި ފައިސާ ހޯދުމާއި، ޕާޓީގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، މުދަލާއި ފައިސާއިން މުޢާމަލާތު ކުރުމާއި، ޕާޓީ އުވާލުމާ، މިކަންކަމުގެ އުސޫލުތައް ކަނޑައެޅުމާއި، ޕާޓީތަކުން ތަބާވާންޖެހޭ ހަމަތައް ބަޔާންކުރުމުގެ ގާނޫނެވެ.