1 month ago
މިސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީއަކީ ގައުމުގެ އިގްތިސާދު ހަލާކުގެ އަނދަވަޅަކަށް ވައްޓާލަން ނިންމާފައި އޮތް ނަމަވެސް އެހާލަތަށް ނުގޮސް، ގައުމު ބަނގުރޫޓުނުވެ، އެކަމުން އަރައިގަނެވިފައި އޮތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންނާއެކު ކުރިއަށް – ހަފުތާ 52 ފާހަގަކުރުމުގެ ރަސްމިއްޔާތު"ގައި ގައުމާ މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކިފާނު ވަނީ ރާއްޖޭގެ އިގްތިސާދު ސަލާމަތް ކުރުމަށް އެ މަނިކުފާނުގެ ސަރުކާރުން މިދިޔަ އަހަރު ދުވަހު ކުރެއްވި މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.
"އިގްތިސާދު މެނޭޖު ނުކުރެވި، ގައުމު ބަނގުރޫޓުވާ ހިސާބަށް ކަންކަން ހިނގައްޖެކަމުގެ ތުހުމަތުތައް ބައެއް ފަރާތްތަކުން ސަރުކާރަށް އަމާޒު ކުރޭ. ނަމަވެސް އެއީ ހަގީގަތެއްް ނޫން. އަދުގެ ސަރުކާރުން ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވުުގެ 6 ދުވަސް ކުރިން، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އިން ޝާއިޢުކުރި ރިޕޯޓުގައި ދިވެހިރާއްޖޭގެ ދަރަނީގެ ދެމެހެއްޓެނިވިކަން ގެއްލިގޮސްފައިވާކަން އިޢުލާނުކުރި. އެހިސާބުން ބަނގުރޫޓުވުމާ ހަމަޔަށް ދިޔަކަން ރަސްމީކޮށް އިޢުލާނު ކުރެވުނީ." ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގަތް އިރު، އޭރު ރާއްޖެ އޮތީ 120 ބިލިއަނަށްވުރެ ބޮޑު ދަރަންޏާ އެކުގައި ކަމަށެވެ. އަދި އިގްތިސާދު މެނޭޖު ކުރުމެއް ނެތި، އަދި މެނޭޖުކުރަން ނުވެސް އެނގި، 5 އަހަރު ދުވަހުގެ ތެރޭގައި ގައުމު ބަނގުރޫޓުކުރަން ރާވާފައި އޮތް ކަމަށެވެ.
މީގެއިތުރުން އެ އަހަރުގެ ތެރޭގައި ގާނޫނު އަސާސީއާ ޚިލާފަށް ޚަރަދުތަކެއްކޮށް، ގާނޫނީ އިމުގެތެރެއަށް ކަންކަން ވެއްދުމަށްޓަކައި ސަޕްލިމެންޓްރީ ބަޖެޓެއް ވެސް ހުށަހެޅިކަން ފާހަގަކުރެއްވިއެވެ.
ނޮވެމްބަރ 17، 2023 ވަނަ ދުވަހުގެ ހާލަތަށް އިޝާރަތް ކުރައްވަމުން، ރައީސް ވަނީ، ކުރީގެ ސަރުކާރުން 8.4 ބިލިއަން ރުފިޔާ ޗާޕުކުރި ކަމަށާއި އޭރު ދުނިޔޭގެ ހުރިހައި މާލީ އިދާރާއަކުން އަންދާޒާކުރަމުން އައީ 2024 ވަނަ އަހަރުގެ އެޕްރިލް މަހާއި ހަމައަށް ދާއިރު، ރާއްޖެއިން ސޮވްރިން ޑިފޯލްޓް އިއުލާނުކުރާންޖެހިދާނެ ކަމަށްކަން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު، ދައުލަތަށް ލިބޭ އާމްދަނީގެ ކޮންމެ 100 ރުފިޔާއަކުން 24 ރުފިޔާ ޚަރަދުކުރަން ޖެހެނީ ދަރަނި ހަލާސްކުރުމަށް ކަމަށާއި މިއިން ކޮންމެ 100 ރުފިޔާއަކުން 16 ރުފިޔާ ޚަރަދު ކުރަން ޖެހެނީ ހަމައެކަނި، ދަރަނީގެ އިންޓްރަސްޓަށްކަން ވެސް ފާހަގަކުރެއްވިއެވެ.
މި ހާލަތު މިހެން އޮތް ކަމުގައި ވީ ނަމަވެސް، ބަނގުރޫޓުވުން ތަހަންމަލުކުރަން ނުޖެހި، ރާސްތާ ބަދަލުކޮށްލެވިއްޖެ ކަމަށާއި މިއީ 52 ހަފުތާގައި ހާސިލުކުރެއްވުނު އެންމެ މުހިއްމު ކާމިޔާބުކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއީ ތަފާސް ހިސާބުތަކުން ފެންނަން އޮތް ހަގީގަތް ކަމަށް ވެސް ވިދާޅުވިއެވެ.