ރައްޔިތުންގެ ކޮންމެ ކަންބޮޑުވުމަކީ ފުލުހުންގެ ވެސް ކަންބޮޑުވުމެއް: ސީޕީ

6 months ago

އަފްރާހް

ފުލުހުންގެ ހިދުމަތަކީ ކިޔެވުމާއި އުނގެނުމަށް ބާރު އަޅާ އޮފިސަރުންނަށް ފަހި ފުރުސަަތެއް އޮތް ހިދުމަތެއް ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް، އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ 36 ވަނަ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.


ސީޕީ ވިދާޅުވީ ކިޔަވައިގެން ނޫނީ ފުލުހުންގެ ހިދުމަތް ކުރިއަށް ނުދާނެ ކަމަށާއި ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެން ނުދާނެ ކަމަށެވެ. އަދި ރައްޔިތުންގެ އިތުބާރު ހުރި ބަޔަކަށްވެ، ޕްރޮފެޝަނަލް ބަޔަކަށް ވުމަށް އުނގެނެވުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމުގައި ވެސް ވިދާޅުވިއެވެ.


މީގެއިތުރުން ތަމްރީނު ނިންމައި، ފުލުހުންގެ ޔުނީފޯމްގައި މަސައްކަތަށް ނުކުންނައިރު، ކޮންމެ އޮފިސަރެއްގެ ފަރާތުން ފެންނަން އެދޭ ކަންތައްތަކެއް އެބަ ހުރި ކަމަށާއި އެގޮތުން ގައުމު ދެކެ ލޯބިވާ، ގައުމީ ލޭ ކޮންމެ އޮފިސަރެއްގެ ހަށިގަނޑުގައި ހިނގާކަން ފެންނަން ޖެހޭ ކަަމަށް ސީޕީ ފާހަގަކުރެއްވިއެވެ.


ހަމަމިއާއެކު ރައްޔިތުން ކަންބޮޑުވާ ކޮންމެ ކަމަކީ އޮފިސަރުންގެ ކަންބޮޑުވުމެއްކަން، ޢަަމަލާއި ބަހުން ދައްކަން ޖެހޭނެކަން ފާހަގަކުރައްވައި ވިދާޅުވީ ހަވާލު ކުރެވޭ ޑިއުޓީ އަދާ ކުރުމުގައި ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމަށް އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު