ހާލު ކިހިނެއް ޕްރޮގްރާމް މުޅި ރާއްޖޭގައި ފަށައިފި

4 months ago

އަފްރާހް

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން "ހާލު ކިހެނެއް؟" ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފިއެވެ.


މިއީ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރު ފުރިހަމަކޮށް، ރައްޔިތުންގެ ޙާލަތު ދެނެގަނެ، ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ފެށި ޕްރޮގްރާމެކެވެ.


މި ޕްރޮގްރާމުގެ މަޤްސަދަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލު ބަލައި، މުޖުތަމަޢުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމެވެ. އަދި އެ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވުމެވެ.


އެ ވުޒާރާ އިން ވިދާޅުވީ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި، ރައްޔިތުންނަށް ޚިދުމަތްދޭ މުއައްސަސާތަކާއި، ކަމާގުޅުންހުރި އިދާރާތަކާއި އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއެކު މަސައްކަތްކުރައްވާނެ ކަމަށެވެ.


އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި މެއި 30 ވަނަ ދުވަހު ފެށި ހުޅުމާލޭގެ ދެވަނަ ފިޔަވަހި، ހިޔާ ސަރަހައްދުންނެވެ. މާލެ ސަރަޙައްދެކޭ އެއްގޮތަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ޢާއިލީ ސެންޓަރުތައް ހުރި ރަށްރަށުގައި މި ޕްރޮގްރާމު މިހާރުފަށާފައިވާ ކަމަށް ވެސް އެ ވުޒާރާ އިން ވިދާޅުވެއެވެ.


އެ ވުޒާރާގެ އަމާޒަކީ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް، ދައުލަތުގެ ޚާއްސަ ސަމާލުކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.


ތާވަލުކުރެވިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ރާވާފައި ވީ ނަމަވެސް، ޚާއްސަ ސަމާލުކަން ބޭނުންވާ ފަރާތްތަކުން އަވަސް އެހީތެރިކަން ހޯއްދެވުމަށް އެ ވުޒާރާގެ ކޯލް ސެންޓަރުގެ ނަންބަރު 1433 އާއި ގުޅައި މަޢުލޫމާތު ހިއްސާކުރެވޭނެއެވެ. އަދި ޚާއްސަ އިސްކަމެއް ދީގެން އެ ގެތަކަށް ޒިޔާރަތްކޮށް އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ ވުޒާރާގެ ޓީމްތަކުން ކުރަމުން ގެންދާނެއެވެ. 


ކިޔުންތެރިންގެ ހިޔާލު