ހުޅުމާލޭގައި ސައިކަލަކާއި ކާރެއް އެކްސިޑެންޓުވެ، އަންހެނަކަށް އަނިޔާވެއްޖެ

4 months ago

އަފްރާހް

ހުޅުމާލޭގައި ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މި އެކްސިޑެންޓް ހިނގީ ހުޅުމާލެ ރީތިގަސްމަގުގައި ހުންނަ ކަރެކްޝަނަލް ސަރވިސް ކައިރީގައި ކަމަށެވެ. އަދި މި އެކްސިޑެންޓް އެ އިދާރާ އަށް ރިޕޯޓްކޮށްފައި ވަނީ މޭ 30 ވަނަ ދުވަހުގެ ހަވިރު 4:40 ގައި ކަމަށެވެ.


މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ އުމުރުން 35 އަހަރުގެ އަންހެނަކަށް ކަމަށާއި އޭނާ އަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އަދި މި އެކްސިޑެންޓުގައި އެ ދެ އުޅަނދަށް ވެސް އެކިވަރުގެ ގެއްލުންތައް ވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.


މީގެއިތުރުން ކާރު ދުއްވި މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސެއް ނެތް ކަމަށާއި އެކަމަކު ސައިކަލް ދުއްވި މީހާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ކަަމަށް އެ އިދާރާ އިން ވަނީ ވިދާޅުވެފައެވެ.


ފުލުހުން އިތުރަށް ވިދާޅުވީ މި އެކްސިޑެންޓްގެ މައްސަލަ ބަލަމުން އަންނަކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު