ރައީސް ޑރ. މުއިއްޒުގެ އެދިވަޑައިގަތުމަށް ފަލަސްތީނަށް އެހީވުމަށް ޓެލެތޯނެއް ބާއްވަނީ

4 months ago

އަފްރާހް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް ފަލަސްތީނަށް އެހީވުމަށް ޓެލެތޯނެއް ބާއްވަން ނިންމައިފިއެވެ.


ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ޖޫން މަހުގެ 12 ވަނަ ދުވަހު ކުރިއަށްގެންދާ މި ޓެލެތޯނާއި ގުޅޭގޮތުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވީ މި ހަރަކާތް ކުރިއަށް ގެންދާނީ އިޖުތިމާއީ ބޮޑު ހަރަކާތެއްގެ ގޮތުގައި ކަމަށެވެ.


ޒީނާ ވިދާޅުވީ މިކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެހައި ފަރާތްތަކަށް އެ ފުރުސަތު އެބައޮތް ކަމަށާއި ފަލަސްތީނުގައި ހާލުގައިޖެހިފައިވާ އެގައުމުގެ ރައްޔިތުންނަށް އެކަށީގެންވާ އެހީތެރިކަމެއް ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.


މީގެއިތުރުން ޓެލެތޯންގެ ފަންޑު ފޮށި މާލެ ސަރަހައްދުގެ އޮފީސްތަކާއި ސްކޫލުތައް ކައިރީގައާއި ޕާކުތަކާއި މީހުން ގިނައިން އެއްވެއުޅޭ ސަރަހައްދުތަކުގައި ބަހައްޓާއިރު، ޓެލެތޯން ކުރިއަށްދާނީ އެދުވަހުގެ ހެނދުނު 8 އިން ރޭގަނޑު 12 ޖަހަންދެން ކަމަށް ވެސް ވިދާޅުވިއެވެ.


މި ޚާއްސަ ލައިވް ކަވަރޭޖް ޓީވީއެމް އަދި ޕީއެސްއެމް ނިއުސް އިން ގެނެސްދިނުމަށް ވަނީ ނިންމާފައެވެ.


މި ޓެލެތޯނާއި ގުޅޭ މައުލޫމާތު info@psm.mv އަށް އީމެއިލް ކުރުމުން ލިބޭނެ އިންތިޒާމު މިހާރުވަނީ ހަމަޖައްސާފައެވެ.


ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ހައްދުފަހަނައަޅާފައިވާ ޔަހޫދީ ދައުލަތުން ދެމުންދާ ހަމަލާތަކުގައި ކުށެއްނެތް އެތައްބަޔަކު ޝަހީދުވެ، ގިނައަދަދެއްގެ މީހުން ހާލުގައިޖެހެމުންދާއިރު، އޭގެތެރޭގައި ގިނައީ ކުށެއް ނެތް އާންމު ރައްޔިތުންނެވެ.


ފަލަސްތީނަށް އެހީވުމަށް މީގެކުރިން ވެސް ޓެލެތޯންތައް ބާއްވާފައިވާއިރު، ނަމޫނާ ދައްކައި، ދީލަތި އެހީތެރިކަމެއް މީގެކުރިން ވެސް ދިވެހީން ވަނީ ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު