މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް މާލީ އެހީތެރިކަން އިތުރުކުރަން ޖެހޭ: މިނިސްޓަރ

4 months ago

އަފްރާހް

މޫސުމަށް އަންނަ ބަދަލުތަކަކީ ކުދިޖަޒީރާ ގައުމުތަކުގެ ތަރައްގީ އަށް ބޮޑު ގޮންޖެހުމެއް ކަމުގައި އެންވަޔަރްމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް4) ގެ އިންޓަރެކްޓިވް ޑައިލޮގް "މޭކިންގް ކްލައިމެޓް ފައިނޭންސް ވޯރކް ފޮރ ސިޑްސް: ބިލްޑިންގް އޮން ދަ އައުޓްކަމްސް އޮފް ކޮޕް28" ރާއްޖޭގެފަރާތުން ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.


މިނިސްޓަރ ޠާރިޤް ވިދާޅުވީ ތަރައްގީވަމުން އަންނަ ގައުމުތަކަށް، ވަކިން ހާއްސަކޮށް ކުދި ޖަޒީރާ ގައުމުތަކަށް، އެ ގައުމުތަކުން ކުރިމަތިލަމުން އަންނަ މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރުތައް ކުޑަ ކުރުމުގައި ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުން މާލީ އެހީތެރިކަން ފޯރުކޮށްދިނުން އިތުރުކުރަން ޖެހޭ ކަމަށެވެ. އަދި މަލްޓިލޭޓަރަލް ފަންޑު ހޯދުމަށް ދިމާވާ ގޮންޖެހުންތަކަށް ވެސް ވަނީ އަލިއަޅޔއްވައިލައްވާފައެވެ.


އެގޮތުން އެމަނިކުފާނު ވިދާޅުވެފައިވަނީ މިފަދަ ވަސީލަތްތައް ބޭނުންވާ ވަރަށް ލިބެން ނެތް ކަމަށާއި ލިބެން ހުރި މަދު ވަސީލަތްތައް ހޯދުމަށް ދަތިތައް ކުރިމަތިވާކަމަށެވެ. އަދި ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައި މާލީ އެހީ ވަގުތުން ލިބޭނެގޮތް ހޯދުމަށްޓަކައި މިހާރަށްވުރެ ވަރުގަދަ އުސޫލުތަކެއް އެކުލަވާލުމަށް ވަނީ ގޮވާލައްވާފައެވެ.


މީގެ އިތުރުން މި މައްސަލަތަކުގެ މައުލޫމާތު ފޯރުކޮށްދީ އަހުލުވެރިކުރުވުމަށް ޕިއަރ-ޓު-ޕިއަރ ލަރނިންގް އާއި ގާބިލިއްޔަތު އިތުރުކުރުމުގެ ޕްރޮގުރާމްތައް ހިންގުމަކީ މިފަދަ ގަައުމުތަކުން ތަހައްމަލު ކުރަމުންދާ ދަތިތަކަށް ލިބިގެންދާނެ ފަސޭހައެއް ކަމުގައި ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން އުސޫލުތައް ހެދުމުގަޔާއި މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ބައިނަލްއަގްވާމީ ފަރާތްތައް އިތުރުވެގެން ދާނެ ކަމަށްވެސް ވަނީ ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު