އިޖުތިމާއީ އެއްބައިވަންތަކަން ހަރުދަނާ ކުރުމަށް މަޝްވަރާތަކެއް

6 months ago

އަފްރާހް

އާއިލީ އަދި އިޖުތިމާޢީ އެއްބައިވަންތަކަން ހަރުދަނާ ކުރުމާއި ގުޅޭ ގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އާއި ބައްދަލުކޮށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.


މިއީ ޢާއިލާތަކަށް އެހީތެރިވެ، އިޖުތިމާއީ އެއްބައިވަންތަކަން ކުރިއެރުވުމަށް އެހީތެރިވުމަށްޓަކައި ކުރެވޭނެ ކަންކަން ދެނެގަނެ، މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އިޖުތިމާޢީ މަދަދުވެރިން (ސޯޝަލް ވޯކަރުން) ތަމްރީނުކުރުމަށް މަޝްވަރާކުރެވިފައެވެ.


މިގޮތުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ޢާއިލާތަކަށް އެހީތެރިވުމުގައި އިޖުތިމާޢީ މަދަދުވެރިންގެ މުހިންމު ދައުރު ދެނެގަނެ، އެފަރާތްތަކުގެ ޤާބިލިއްޔަތު އިތުރުކުރުމަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމްތައް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.


މި ތަމްރީނުތަކުގެ އަމާޒަކީ މިފަދަ ފުރުޞަތުތަކުގެ ޒަރީޢާއިން، އެފަރާތްތަކަށް ބޭނުންވާ ހުނަރާއި ޢިލްމު ލިބި، މުޖުތަމަޢުގައި އެހީތެރިކަމަށް ބޭނުންވެފައިވާ ޢާއިލާތަކަށް ފުރިހަމަ އެހީތެރިކަން ފޯރުކޮށްދޭނެ ޚިދުމަތްތެރިން ބިނާކުރުމެވެ.


މީގެއިތުރުން ⁠ޢާއިލީ ގިޔަމު (ފެމިލީ ވެލިއުސް) ތަކާއި، ޢާއިލާތައް ރޫޅިގެންދާ ސަބަބުތަކާއި، އެކަމުގެ ސަބަބުން ކުޑަކުދިންނާއި، ޢާއިލާތަކާއި، މުޖުތަމަޢަށް ކުރާ އަސަރު ދެނެގަތުމާ ބެހޭގޮތުން ޤައުމީ ފެންވަރުގެ މަޝްވަރާއެއް ބޭއްވުމަށް ވެސް ވަނީ މަޝްވަރާކުރެވިފައެވެ. ⁠އަދި މި މަޝްވަރާތަކުގެ ހޯދުންތައް ޤައުމީ މަހާސިންތާއެއްގައި ހުށަހަޅައި، ޢާއިލާތައް އިތުރަށް ހަރުދަނާކޮށް، ޢާއިލީ ގުޅުން ބަދަހިކުރުމަށް މިހާރު ހުރި އަދި މުސްތަޤްބަލުގައި ހަދާނެ ނިޒާމުތައް އިތުރަށް ހަރުދަނާކުރުމަށްވެސް މި މަޝްވަރާގައި ޚިޔާލު ބަދަލުކުރެވުނެވެ.


ހަމަމިއާއެކު ޢާއިލީ ގުޅުންތަކާއި އިޖުތިމާޢީ އެއްބައިވަންތަކަން ކުރިއެރުވުމާއި ގުޅޭ ގޮތުން ވެސް މަޝްވަރާކުރެވުނުއިރު، ޢާއިލާތައް ރޫޅުމުން ކުރިމަތިވާ އިޖުތިމާޢީ މައްސަލަތައް މަދުކޮށް، އެއްބައިވަންތަ އަދި އޯގާތެރި މުޖުތަމަޢެއް ބިނާކުރުމުގެ މުހިންމުކަމާއި، އެކަން ހާސިލުކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށްވަނީ އަލިއަޅުވާލެވިފައެވެ.


މިފަދަ ކޮންމެ ބައްދަލުވުމެއްގެ މަގްސަދަކީ ޢާއިލާތަކާއި މުޖުތަމަޢުގެ ދުޅަހެޔޮކަން އިތުރުކޮށް، އެހީތެރިކަމުގެ ނިޒާމުތައް ވަރުގަދަކޮށްގެން، އަބުރުވެރި، އުފާވެރި ދިރިއުޅުމެއް އުޅުމަށް ޢާއިލާތައް ބާރުކުރުވުމެވެ.


ކިޔުންތެރިންގެ ހިޔާލު