2 weeks ago
ރާއްޖޭގެ ތަރައްގީ އަށް އިންޑިއާގެ އެހީތެރިކަން އަބަދު ވެސް ލިބެމުންދާނެކަމުގެ ޔަގީންކަން އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މުނޫ މަހާވަރު ދެއްވައިފިއެވެ.
މިޔަގީންކަން އެމަނިކުފާނު ދެއްވީ، ރައީސްގެ އަރިހަށް ކުރެއްވެވި ވަދާއީ ޒިޔާރަތުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ސަފީރު ވަނީ ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި ރާއްޖޭގެ ރައީސް ދައްކަވާ ލީޑަރޝިޕާއި، އެކުގައި މަސައްކަތްކުރެއްވުމުގެ ރޫހު އިސްކުރައްވާކަން ފާހަގަކުރައްވާފައެވެ. އަދި މިކަމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށްދޭ ކަމެއް ކަމުގައި ވެސް އިންޑިއާގެ ސަފީރު ވިދާޅުވެފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން ކުރިއެރުވުމަށް އިންޑިއާ ސަފީރު ދެއްވާފައިވާ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ސަފީރުކަމުގެ ދައުރަކީ ފަހަކަށްއައިސް ރާއްޖެއާއި އިންޑިއާގެ އެކުވެރިކަމާއި ދެ ގައުމުގެ ގުޅުން އާރޯވެގެންދިޔަ، މުހިންމު މަރުހަލާއެއްކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
އެ ދެބޭފުޅުން ވަނީ، އޮކްޓޯބަރު މަހު ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އެކުލަވާލެވުނު "އަ ވިޜަން ފޯ އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނަރޝިޕް" ކަރުދާހުގެ މައްޗަށް އަލިއަޅުއްވާލައްވައި، މީގެ ސަބަބުން ރާއްޖޭގެ ތަރައްގީގައި އިންޑިއާއިން ހިއްސާވާ މިންވަރު އިތުރަށް ފުޅާކުރުމުގެ މަގު ކަނޑައެޅުނުކަން ފާހަގަކުރައްވާފައެވެ.
މިގޮތުން ރާއްޖޭގައި އިގްތިސާދީ އިސްލާހުތައް ގެނައުމަށާއި، އިޖުތިމާއީ ރައްކާތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިންޑިއާއިން ދެއްވާ އެހީތެރިކަމާއެކު ލިބެމުންދާ ކުރިއެރުންތައް ވެސް ދެބޭދުޅުން ވަނީ ފާހަގަކުރައްވާފައެވެ.
މިބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން މިހާރު ކުރިއަށްދާ ގޮތުގައި ދެމިއޮންނާނެކަމާއި، އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫއުތައް ވަގުތަށް ނިންމޭނެކަމުގެ ޔަގީންކަން ފާޅުކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި އެކުގައި މަސައްކަތްކުރެވޭނެ ދާއިރާތަކާމެދު ވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
ރައީސް ވަނީ އިންޑިއާ ސަފީރަށް ހެޔޮއެދުންތައް އަރިސްކުރައްވައި، ރާއްޖޭގެ ތަރައްގީގެ ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާކަމުގައި ހާމަކުރައްވާފައެވެ.