2 weeks ago
ދިވެހި ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރުމުގައި ދިވެހި ސަރުކާރުން ސާބިތުކަމާއެކު އޮންނާނެކަމުގެ ޔަގީންކަން އެޓަރަނީ ޖެނެރަލް އަޙްމަދު އުޝާމް ދެއްވައިފިއެވެ.
މި ޔަގީންކަން އެމަނިކުފާނު ދެއްވީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ގައުމުތަކުގެ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.) ގެ އިސްތިޝާރީ ލަފަޔަކަށް އެދި އ.ދ. ގެ އާންމު މަޖިލީހުން ހުށަހަޅާފައިވާ މައްސަލައިގައި އެ ކޯޓުގައި ބޭއްވި އަޑުއެހުމުގައި ރާއްޖެއިން ބައިވެރިވެ، ދެއްވި ބަޔާނުގައެވެ.
ޑިސެމްބަރ 6 ވަނަ ދުވަހު ދެއްވި މި ބަޔާނުގައި ރާއްޖެ ތަމްސީލުކުރެއްވި ބައިނަލްއަގްވާމީ ވަކީލުން ހުށަހެޅުއްވި ބަޔާންތަކުގައި، ތިމާވެއްޓާބެހޭ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ރާއްޖެފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޮންނަ ޒިންމާއަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި ކަސްޓަމަރީ އިންޓަރނޭޝަނަލް ލޯގެ ދަށުން ގައުމުތަކަށް އެއްބާރުލުން ދިނުމަށް އޮންނަ ޒިންމާ ތަފްސީލުކުރައްވާފައިވެއެވެ.
މީގެއިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް އެހީ ފޯރުކޮށްދިނުމަކީ ބައިނަލްއަގްވާމީ މުޖުތަމައުގެ މަސްއޫލިއްޔަތެއްކަން ވެސް ފާހަގަކުރައްވާފައިވެއެވެ.
އައި.ސީ.ޖޭ ގައި ބޭއްވި އަޑުއެހުމުގައި ރާއްޖެ ތަމްސީލު ކުރައްވަމުން ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ކެނޑިނޭޅި ވަކާލާތުކުރެއްވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުން ފާހަގަކުރައްވާފައެވެ. އަދި ރާއްޖެފަދަ ނާޒުކު ގައުމުތަކަށް ބައިނަލްއަގްވާމީ މުޖުތަމައުން އެހީ ފޯރުކޮށްދެއްވުމަށް ވަނީ ގޮވާލައްވާފައެވެ.
ހަމަމިއާއެކު މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިގު މުއްދަތެއްގެ ތެރޭގައި ކުރާ އަސަރުތަކަށް ރާއްޖެ ނާޒުކުކަން ފާހަގަކުރައްވައި، އެ އަސަރުތަކުގެ ސަބަބުން ދިވެހި ރައްޔިތުން ދިރިއުޅެމުންދާ ރަށް ބަދަލުކުރަންޖެހުމަކީ ދިވެހި ސަރުކާރު ދެކޮޅު ކަމެއްކަން ވެސް ފާހަގަކުރައްވާފައިވެއެވެ.
އޭޖީ އުޝާމް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ބައިނަލްއަގްވާމީ މުޖުތަމައުއާ ގުޅިގެން މަސައްކަތްކުރުމުގައި ވެސް ދިވެހި ސަރުކާރުން ސާބިތުކަމާއެކު އޮންނާނެކަމުގެ ޔަގީންކަން އަރުވާފައެވެ.