ފުވައްމުލައް ސިޓީން 500 އަށްވުރެ ގިނަ ގޭބިސީ އަށް ޒިޔާރަތްކޮށް، ހާލު ބަލައިފި

2 weeks ago

އަފްރާހް

ހާލު ކިހިނެއް ޕްރޮގްރާމުގައި ފުވައްމުލައް ސިޓީން 500 އަށްވުރެ ގިނަ ގޭބިސީ އަށް ޒިޔާރަތްކޮށްފިއެވެ.


މިކަން ހާމަކުރައްވައި، ސޯޝަލް މިނިސްޓްރީން މީސްމީޑިއާގައި އާންމުކުރެއްވި ވީޑިއޯއެއްގައި އެ މިނިސްޓްރީގެ ނައިބު ނަޒީޙާ އަޙްމަދު ވިދާޅުވީ ފުވައްމުލަކު ސިޓީގައި އެ ޕްރޮގުރާމް ފެށީ މިމަހުގެ 3 ވަނަ ދުވަހު ކަމަށެވެ. އަދި މިހައިތަނަށް 560 އަށްވުރެ ގިނަ ގޭބިސީއަށް ޒިޔާރަތްކޮށް، ކަންބޮޑުވުންތައް އަޑު އަހާފައިވާ ކަމަށެވެ.


މީގެއިތުރުން އެ ސިޓީގެ ވެސް ހުރިހައި ގޭބިސީއަކަށް ޒިޔާރަތްކޮށް، އާއއިލާތަކާއި ވަކިވަކި މީހުންގެ ފަރާތުން ލިބޭ ކަންބޮޑުވުންތައް ހައްލު ކޮށްދޭން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ފުވައްމުލަކު ސިޓީގެ ރައްޔިތުން އެންމެ ގިނައިން ފާހަގަކޮށްފައިވަނީ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމަށް ދިމާވާ ދަތިތައްކަމަށެވެ.


މިއީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ގެތަކަށް ޒިޔާރަތްކޮށް ހާލު ބަލައި ދައުލަތުގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.


މި ޕްރޮގްރާމްގެ ސަބަބުން ރައްޔިތުންނަށް ދަތިވާ ކަންކަން ސަރުކާރާ ހަމައަށް ގެންދިއުމުގެ ފަހި ފުރުސަތެއް ލިބެއެވެ.


މާލެއާއި ގއ. އަތޮޅާއި ތ. އަތޮޅުގައި ހާލު ކިހިނެއް ޕްރޮގުރާމް ހިންގާފައިވާއިރު، އެންމެ ގިނައިން ހުށައަޅާފައިވަނީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަތަކެވެ. އަދި ބޭސްފަރުވާއަށް އެހީތެރިކަން ބޭނުންވުމާއި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން މާލީ އެހީ ހޯދުމުގެ މައްސަލަތަކާއި ޑޮކްޓަރަށް ދެއްކުމާއި ރާއްޖޭން ބޭރުން ބޭސް ގެނައުންފަދަ ކަންކަމުގައި ދަތިތައް ދިމާވާކަމުގެ ކަންބޮޑުވުންތައް ފާހަގަކޮށްފައިވެއެވެ. 


ކިޔުންތެރިންގެ ހިޔާލު