2 weeks ago
ހދ. ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ ދަރިވަރުންނަށް ފަޔަރ އެވެއަރނެސް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން، މި ސެޝަން ކުރިއަށް ގެންދިޔައީ އަފީފުއްދީން ސްކޫލުގައި މިހާރު ކުރިއަށްގެންދާ "ނޭޝަނަލް ކަބް ރެލީ އަދި ޕްރީ ކަބް މީޓް 2024" ގެ ދަރިވަރުންނަށެވެ.
ޑިސެންބަރު 7 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ކުލާހުގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތައް ކިޔައިދީފައި ވެއެވެ. އަދި އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މައުލޫމާތު ވެސް ދީފައި ވެއެވެ.
މީގެއިތުރުން އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެގޮތުގެ މުހިންމު މައުލޫމާތުތައް ކިޔައިދީފައިވެއެވެ. އަދި މި ކުލާހުގައި ޢަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް ވަނީ ދަސްކޮށްދީފައެވެ.
އެ ރަށު ސްކޫލުގެ 312 ދަރިވަރުން ބައިވެރިވި މި ސެޝަންގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ފަޔަރ ކޮމްޕޯނަންޓުގެ ފަޔަރފައިޓަރުންނެވެ.