2 weeks ago
ރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާ ސަފީރުގެ މަގާމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މި މަގާމަށް ފުއާދު އައްޔަންކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ ވޯޓާއެކުއެވެ.
ތައިލެެންޑުގެ ސަފީރުގެ މަގާމަށް ފުއާދު ތައުފީގު އައްޔަންކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވެވީ މިދިޔަ ނޮވެމްބަރ މަހުގެ 25 ވަނަ ދުވަހުއެވެ.
ފުއާދު ތައުފީގު، އިލެކްޝަންސް ކޮމިޝަނާ އެންމެފުރަތަމަ ގުޅިވަޑައިގަތީ 2008 ވަނަ އަހަރު، ކޮމިޝަންގެ މެންބަރެއްގެ ގޮތުގައެވެ. އެ މަގާމުގައި އެއް އަހަރު ދުވަހު ހުންނެވުމަށްފަހު، އެ ކޮމިޝަންގެ ރައީސްގެ މަގާމަށް ވަޑައިގެންނެވީ 2009 ވަނަ އަހަރުއެވެ.
ފުއާދު ވަނީ 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ މާރޗު މަހާ ހަމައަށް އީސީގެ ރައީސްކަމުގެ މަގާމު ފުރުއްވުމަށްފަހު، އެކޮމިޝަނުން ވަކިވެވަޑައިގެން، ދެވަނަ ފަހަރަށް އެ ކޮމިޝަނާ ގުޅިވަޑައިގެންނެވީ 2019 ވަނަ އަހަރުއެވެ.