ސައިބަރ ކްރައިމްގެ ގާނޫނުތަކަށް ރައްޔިތުން އަހުލުވެރި ކުރުވުން މުހިންމު: ސީޕީ

1 week ago

އަފްރާހް

ސައިބަރ ކްރައިމްގެ ގާނޫނުތަކާއި ގަވާއިދުތަކަށް ރައްޔިތުން އަހުލުވެރިކުރުވުމަކީ ކޮންމެހެން ކުރަންޖެހިފައިވާކަމެއް ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާޢު ވިދާޅުވެއްޖެއެވެ.


ސީޕީ މިފަދައިން ވިދާޅުވީ "ސައިބަރ އެކްސްޕޯ 2024" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.


އެމަނިކުފާނު ވަނީ އެކަމުގެ ސަބަބުން އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްތަކާއި ގާނޫނުތަކަށް ލޯހުޅުވި ރާއްޖޭގެ އެކަށޭނެ ބަދަލުތައް ގެނައުމަށް ފަސޭހަވާނެ ކަމަށެވެ.


މީގެއިތުރުން ސައިބަރ ސެކިއުރިޓީ އާއި ސައިބަރ ކްރައިމްގެ އެންމެހާ ކުށުގެ ބާވަތްތަކުން ރައްކާތެރިވާނެ ގޮތް ރައްޔިތުނަށް އަންގައިދީ އެކަމަށް ރައްޔިތުން އަހުލުވެރިކުރުވުމާއި ތުއްތު ޅަދަރިންނާއި އިސްރަށްވެހިން ސައިބަރ ކްރައިމްތަކުން ސަލާމަތްކުރުމަށް މަސައްކަތްކުރަންޖެހޭކަމަށް ވެސް ވިދާޅުވިއެވެ.


ހަމަމިއާއެކު މި އެކްސްޕޯގެ ތެރެއިން މިދާއިރާތަކުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އެއްތަނަކުން ބައްދަލުވެ، ގުޅުން ބަދަހިވުމުގެ ނަތީޖާއަކަށް ވެގެންދާނީ ކުދި ވިޔަފާރިތަކުގެ ޑިޖިޓަލް ސެކިއުރިޓީ ވަރުގަދަކުރުމަށް އައު ދޮރުތަކެއް ހުޅިވިގެން ދިއުންކަން ސީޕީ ފާހަގަކުރެއްވިއެވެ.


"މި އެކްސްޕޯ ބޭއްވުމުގެ އެންމެ މުހިންމު އެއް އަމާޒަކީ އެއީ. ހަމައެއާއެކު ތަހުޒީބުވަމުން އަންނަ ދުނިޔޭގެ ޓެކްނޮލޮޖީ ދާއިރާ ފުޅާވެ، ފައްކާވެގެން އަންނައިރު ޓެކްނޮލޮޖީއާ އެއް ހަމައެއްގައި ރާއްޖޭގެ ދުވެލި ހިފަހައްޓަން މަސައްކަތްކުރުން." އެމަނިކުފާނު ވިދާޅުވިއެވެ.


ސީޕީ އިތުރަށް ވިދާޅުވީ މިކަން ކުރެވޭނީ މި ދާއިރާގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކޮށްގެންކަމަށްެވެ. އަދި ސައިބަރ އެކްސްޕޯ ބޭއްވުމުގައި ޢަމަލީ ގޮތުން ހަރަކާތްތެރިވެލެއްވި އެންމެހާ ފަރާތްތަކަށާއި އެކްސްޕޯ ސްޕޮންސަރ ކޮށްދެއްވި ފަރާތްތަކަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ޝުކުރު ވަނީ އަދާކުރައްވާފައެވެ. 


ކިޔުންތެރިންގެ ހިޔާލު