އެމްއެމްސީގެ އެސްޖޭޕީ ޕްރޮގްރާމަކީ ދިވެހި ނޫސްވެރިކަމުގެ ކުރިމަގަށް އެޅި މުހިންމު ބިންގަލެއް: ފެއަރީ ޒާހިރު

1 week ago

އަފްރާހް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ 7 ވަނަ ދައުރުގައި ފެށި ސްކޫލް ޖާނަލިޒަމް ޕްރޮގްރާމް (އެސްޖޭޕީ) އަކީ ދިވެހި ނޫސްވެރިކަމަށް އެޅި ވަރަށް މުހިންމު ބިންގަލެއް ކަމުގައި އަހްމަދު ޒާހިރު (ފެއަރީ) ވިދާޅުވެއްޖެއެވެ.


ނޫސްވެރިކަމުގެ ދާއިރާގައި ހާއްސަކޮށް ރާއްޖެއިން ބޭރުގެ ޚަބަރުތައް ދިވެހި ބަހަށް ތަރުޖަމާ ކުރުމުގެ ރޮނގުގައި އެތައް ތަޖުރިބާތަކެއް ކުރައްވާފައިވާ ފެއަރީ ޒާހިރު މިފަދައިން ވިދާޅުވީ އެސްޖޭޕީ ޕްރޮގްރާމުގެ ދަރިވަރުންނަށް އިންޓަރންޝިޕް ހަވާލުކުރުމަށާއި 7 ވަނަ ދައުރުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަފުލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.


ވިލާ ކޮލެޖު ހޯލުގައި ބޭއްވި މި ހަފުލާގައި ޒާހިރު ވިދާޅުވީ ކޮންމެ ކަމެއްގައި ވެސް ތަމްރީނަކީ މުހިންމު އެއްޗެއް ކަމަށާއި ހާއްސަކޮށް ނޫސްވެރިކަމުގެ ތަމްރީނު ލިބިފައިވުމަކީ އެ ރޮނގުން ކުރިއަށްދިއުމަށް ވަރަށް މުހިންމު ކަމެއް ކަމުގައެވެ.


އޭނާ ވިދާޅުވީ މީޑިއާ ކައުންސިލުން ފެށި ތަމްރީނުތަކުގެ ސަބަބުން ދިވެހި މީޑިއާތަކަށް ބޭނުންވާ ނޫސްވެރިން ލިބުމުގައި މިހާރު ދިމާވެފައިމިވާ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މިފަދަ ތަމްރީނުތައް އިތުރަށް ފުޅާ ކުރުމަކީ ބޭނުންތެރިކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.


"ކޮންމެކަމެއްގައި ވެސް ތަމްރީނު ވަރަށް މުހިންމު ދައުރެއް އަދާކުރާނެ. މީޑިއާ ކައުންސިލުން މި ފެށި ތަމްރީނު ޕްރޮގްރާމަކީ ވަރަށް ރަނގަޅު ބިންގަލެއް. ހާއްސަކޮށް ސްކޫލު ނިންމާ ދަރިވަރުންނަށް މިކަން މުހިންމު. ހާއްސަކޮށް ނޫސްވެރިކަަމަށް ނުކުންނަން ބޭނުންވާ ކުދިންނަށް. މިފަދަ ޕްރޮގްރާމުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުން އަޅުގަނޑުގެ އުއްމީދަކީ." ޒާހިރު ވިދާޅުވިއެވެ.


މީގެއިތުރުން އެސްޖޭޕީ ޕްރޮގްރާމު ފުރިހަމަކޮށް އިންޓަރންޝިޕަށް ހޮވުނު ދަރިވަރުންނަށް ވިދާޅުވީ ނޫސްވެރިކަމަކީ ވަރަށްގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ދާއިރާއެއް ކަމަށާއި އެކަމަކު ޝައުގުވެރި ދާއިރާއެއް ކަމަށެވެ.


ޒާހިރު ވަނީ އިންޓަރންޝިޕަށް ޝައުގުވެރިކަން ފާޅުކޮށް ތަމްރީނަށް ނުކުތް ދަރިވަރުންނަށް މަރުހަބާ ދަންނަވާފައެވެ. އަދި ދަރިވަރުންނަށް އިންޓަރންޝިޕުގެ ފުރުސަތު ފަހިކޮށްދިން މީޑިއާތަަކަށް ޝުކުރުއަދާ ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު