ސަރުކާރުގެ ވިސްނުން ރާއްޖޭގައި ގާމެންޓް ފެކްޓްރީއެއް އުފެއްދުމާ ދިމާލަށް

4 months ago

އަފްރާހް

ރާއްޖޭގައި ގާމަންޓްސް ކާރުޚާނާއެއް އުފެއްދުމަށް ދިވެހި ސަރުކާރުގެ ވިސްނުން އެބަހުރިކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ބީސީސީގެ 7 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވި ސްޓާފް ގާލާ ނައިޓް ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.


މި ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅު ހުންނެވީ ވިޔަފާރިތައް ޕްރައިވެޓައިޒްކުރުމާއި ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްތައް އުފެއްދުމަށް ކަމަށެވެ.


އެގޮތުން ޗައިނާއާއެކު ހެދިފައިވާ މިނިވަން ވިޔަފާރި އެއްބަސްވުމަށް މިއަހަރު ޢަމަލުކުރަން ފެށުމުން ބޮޑު މާކެޓް އެކްސެސްއެއް ލިބޭނެ ކަމަށާއި ކޮލިޓީއާ ސްޓޭންޑަޑް އިންފްރާސްޓްރަކްޗަރއެއް ގާއިމްކޮށް އިމްޕޯޓް ކުރާ ތަކެތީގެ ކޮލިޓީ އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


ހަމަމިއާއެކު އިންޑިއާއާއެކުވެސް މިނިވަން ވިޔަފާރި އެއްބަސްވުމެއް ހެދުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ. އަދި ކްރިއޭޓަރ އިކޮނޮމީ ހަބެއް ގާއިމްކުރުމަށް ރައީސް ނިންމެވީ ވެރިކަމުގެ ކުރީކޮޅު ބޭނުންތެރި މަސައްކަތްތަކެއް ކުރެއްވުމަށް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


މީގެއިތުރުން ސަރުކާރުގެ އަމާޒަކީ މި ހުރިހައި މަސައްކަތެއްގެ ވެސް ކުރީ ސަފަށް ބީސީސީ ނެރުން ކަމަށާއި އެ ވިސްނުމުގައި ބީސީސީގެެ މުވައްޒަން މަސައްކަތްކުރުމަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު