އެމްއެމްސީ، ބްރޯޑްކޮމް އަދި ނޫސްވެރިން ތަމްރީނު ދަތުރެއްގައި ޕާކިސްތާނަށް

4 months ago

ސާއި

މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުންނާއި ބްރޯޑްކާސްޓިންގ ކޮމިޝަން އަދި ދިވެހި ނޫސްވެރިން ތަމްރީނު ދަތުރެއްގައި ޕާކިސްތާނަށް ފުރައިފިއެވެ.


މި ހިނގާ ޖޫން މަހުގެ 3 ން 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާ މި ތަމްރީނު ދަތުރަކީ، ދިވެހި ނޫސްވެރިން ތަމްރީނުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން، އަދި ބްރޯޑްކާސްޓަރުންގެ ކުރިއެރުމަށް ބްރޯޑްކޮމް އިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، ޕާކިސްތާނުގެ އެމްބަސީއާއެކުވެފައިވާ މަޝްވަރާތަކުގެ ދަށުން އެ ޤައުމުން ދީފައިވާ ފުރުސަތެކެވެ.


ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ "އިންފޮރމޭޝަން ސަރވިސް އެކަޑަމީ" ގައި ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމްގައި، އެމްއެއެމްސީގެ ބައިވެރިވަނީ، ކައުންސިލުގެ ރައީސް އަޙްމަދު މުސްޠަފާ، މެމްބަރު މެންބަރު މޫސާ ރަޝީދު، މެންބަރު މުޙައްމަދު ސިމާޢު އަދި މެންބަރު މުޙައްމަދު އަފްރާހްއެވެ. 


ބްރޯޑްކޮމްގެ ފަރާތުން ބައުވެރިވެފައިވަނީ ރައީސާ މަރިޔަމް ވަހީދާ، މެމްބަރު ޢަލީ ޔޫސުފް، މެމްބަރު އައިމިނަތު ނުޒުހާ އަދި ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާއެވެ.


މީގެ އިތުރުން އެމްއެމްސީން މީޑިއާތަކަށް ހުޅުވާލި ފުރުސަތުގައި ނޮމިނޭޓްވެފައިވާ 'ވޮއިސް' ގެ ނޫސްވެރިޔާ އިބްރާހިމް ސަނީހް އާއި ބްރޯޑްކޮމް އިން ބްރޯޑްކާސްޓަރުންނަށް ހުޅުވައިލި ފުރުސަތުގައި ނޮމިނޭޓުވި ޕީއެސްއެމްގެ ނިޒާހު ޢަލި ވެސް މި ދަތުރުގައި ބައިވެރިވެއެވެ.


މި ދަތުރުގައި ތަމްރީނުތަކުގެ އިތުރުން އެ ޤައުމުގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ ގެ އިސްވެރިންނާ ބައްދަލުކުރުމާއި، މީޑިއާއާ ގުޅުންހުރި މުހިންމު ތަންތަނަށް ޒިޔާރަތްކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.


ޕާކިސްތާނަށް ދިވެހި ނޫސްވެރިން ފޮނުވައިގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށާއި، ޕާކިސްތާންގެ ތައުލީމީ ޚިދުމަތްދޭ މަރުކަޒުތަކުގެ މާހިރުން ރާއްޖެ ގެނެސްގެން ތަމްރީނު ޕްރޮގްރާމްތަކެއް ފެއްޓުމަށާއި، ކުރު މުއްދަތާއި ދިގު މުއްދަތުގެ ސްކޮލަރޝިޕް ޕްރޮގްރާމްތަކެއް ނޫސްވެރިންނަށް ހޯދައިދިނުމާ ގުޅޭގޮތުން ރާއްޖޭގައި ހުންނަވާ ޕާކިސްތާން އެމްބަސެޑަރ ވައިސް އެޑްމިރަލް (ރިޓަޔާޑް) މުޙައްމަދު ފައްޔާޒް ގިލާނީއާ އެކު އެމްއެމްސީން މަޝްވަރާކޮށްފައިވަނީ މެއި މަހުގެ 12 ވަނަ ދުވަހުއެވެ. 


މޯލްޑިވްސް މީޑިއާ ކައުންސިލާއި ޕާކިސްތާންގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ އާއި ދެމެދު މިހާރު ކުރިއަށްދާ ދަތުރުގެ ތެރެއިން ފަހުމުނާމާއެއްގައި ސޮއިކުރުމަށް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު