1 day ago
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބޭ މީހުންނަށް ފަރުވާދޭ ކައުންސިލަރުން ބިނާކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ނެޝަނަލް ޑްރަގް އެޖެންސީން މަޝްވަރާކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން އެންޑީއޭގެ ޗެއަރޕާސަން ލުބްނާ ޒާހިރު ވިދާޅުވީ ހެލްތު މިނިސްޓްރީ އާއި އެލައިޑް އިންޝުއަރެންސް އާއެކު ކުރިއަށްގެންދިޔަ މަޝްވަރާގެ ބައްދަލުވުމުގެ ބޭނުމަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މަސްތުވަތަކެތީ ވަބާގައި ޖެހިފައި ތިބޭ މީހުންނަށް ފަރުވާދޭ ކައުންސިލަރުން ބިނާކުރުން ކަމަށެވެ.
އޮންލައިންކޮށް ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މި ޕްރޮގްރާމުގެ ބައެއް ބައިތައް ކްލާސްތަކަށް ހާޟިރުވެ ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ކަމަށް ވެސް ލުބްނާ ވިދާޅުވިއެވެ.
ވޭތުވެދިޔަ 12 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ނެޝެނަލް އިންސްޓިޓިއުޓް ފޯރ ރިސަރޗް އެންޑް އެޑިކްޝަންސް ސްޓަޑީޒް އިން އެއްވެސް މަސައްކަތެއް ހިންގާފައިނުވާކަން ފަހަގަކުރައްވާ ލުބްނާ ވިދާޅުވީ އިންސްޓިޓިއުޓްގެ މަސައްކަތްތައް ފުޅާ ކުރުމަށްޓަކައި މަސައްކަތް ފަށާފައިވާ ކަމަށެވެ.
އިންސްޓިޓިއުޓްގެ މަސައްކަތްތަކުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައިގެ ހާލަތު ދެނެގަތުމަށް ހަދަންޖެހޭ ދިރާސާގެ މަސައްކަތް ހިމެނޭ ކަމަށާއި އެހެންކަމުން އެންޑީއޭގައި ހުރި ޑާޓާގެ ބޭނުން މިއަހަރުގެ ތެރޭގައި ހިފާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން އެކްޓިން ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވީ ރާއްޖޭގެ ހުރިހައި ހިސާބެއްގައި މަސްތުވާތަކެތީގެ މައްސަލަތައް ފުޅާވަމުން އަންނަކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށާއި ފަރުވާގެ ކަންކަމުގެ ޒިންމާއާ ހަވާލުވެތިބި ބައެއްގެ ހައިސިއްޔަތުން މިހާރު ޕޮލިސީ ލެވެލްގައި ވިސްނުން ހުރީ ކޮމިއުނިޓީގައި ކުދިން ބައިތިއްބައިގެން ކޮމިއުނިޓީއަށް ރީއިންޓަރގްރޭޓް ކުރެވޭނެ ގޮތަށް ފަރުވާގެ ބައެއް އިތުރުކުރުން ކަމަށެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ހެލްތު ފެސިލިޓީތައް މެދުވެރިކޮށް އައުޓް ޕޭޝަންޓްގެ ހިދުމަތް ދިނުމާ ގުޅޭގޮތުން ކުރެވުނު މަޝްވަރާއިން އުންމީދެއް ލިބިގެންދިޔަކަން ރާޝިދު ފާހަގަކުރެއްވިއެވެ. އަދި ޑްރަގް ނަގާ މީހުންގެ ނަފުސާނީ މައްސަލަތައް ވަރަށް ބޮޑުކަމަށާއި ފަރުވާގެ ތެރެއަށް ވަންނަ ގިނަ ކުދިންނަކީ މެންޓަލީ މުޅިން ސްޓޭބަލް ކުދިން ނޫންކަން ވެސް ފާހަގަކުރެއްވިއެވެ.
އެޑިކްޝަން ކައުންސިލަރުން ބިނާކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނައިރު، ޑްރަގް ފަރުވާއަށް އެއްބާރުލުން ނުދޭ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ވެސް އެންޑީއޭއިން ވަނީ ފަށާފައެވެ.
އެފަދަ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމާއި، ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް އެންޑީއޭގެ ބޯޑާއި ޑްރަގް ކޯޓާ ދެމެދު މަޝްވަރާކުރެއްވީ އޮކްޓޯބަރ މަހުގެ 17 ވަނަ ދުވަހުއެވެ. މި މަޝްވަރާގައި ވަނީ ޑްރަގް ކޯޓުގެ ދަށުން ފަރުވާއަށް ހުކުމް ކުރެވި ފަރުވާ ތަންފީޛު ކުރަން ފެށުމަށްފަހު އެއްބާރުލުން ނުދޭ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމާއި، ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ނިންމާފައެވެ.
ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ 7500 ވަރަކަށް މީހުން އުޅޭ ކަމަށް ދިރާސާތަކުން ދައްކައެވެ.