ފޯރުކޮށްދޭ ހިދުމަތުގެ ސަބަބުން ތިމާވެއްޓަށް އަސަރެއް ކުރުމަށް ބޭނުމެއް ނުވޭ: ފަހުމީ

4 months ago

އަފްރާހް

ސްޓެލްކޯ އިން ފޯރުކޮށްދޭ ހިދުމަތާއި ތިމާވެއްޓާއި ވަރަށް ބޮޑު ގުޅުމެއްވާ ކަމަށާއި އެކަމުގެ ސަބަބުން ތިމާވެއްޓަށް އެއްވެސް ކަހަލަ އަސަރެއް ކުރުމަކީ ބޭނުންފުޅުވާ ކަމެއް ނޫން ކަމަށް އެ ކުންފުނީޫގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ކުރިއަށް އޮތް 5 އަހަރުތެރޭގައި ރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގައި އެ ކުންފުޏުގެ ފަރާތުން ބައިވެރިވެ، ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.


އެގޮތުން ސްޓެލްކޯ އިން ޕްލެޖްވެފައިވާ ގޮތަށް 500،000 ގަސް އިންދުމުގެ އަމާޒަށް ވާސިލްވުމަށްޓަކައި ޚާއްސަ ހަރަކާތެއް ފެށީ ޖޫން 5 ވަނަ ދުވަހުއެވެ.


އެ ރަސްމިއްޔާތުގައި އެމްޑީ ވިދާޅުވީ އެކަމަކީ އެ ކުންފުނިން ވަރަށްބޮޑަށް އަހަންމިއްޔަތުކަން ދޭ ކަމެއް ކަމަށާއި މިފަދަ ހަރާކާތެއް ބޭއްވުމުގެ މަގްސަދަކީ ވެސް އެއީ ކަމަށެވެ.


ކ. ތުލުސްދޫގައި ބޭއްވި ރަސްމިއްޔާތުގައި މި ހަރަކާތް ފައްޓަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ.


މި ރަސްމިއްޔާތުގައި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޒިރު ވިދާޅުވީ، ޤައުމެއް ބިނާކުރުމަށް ކުރަންޖެހޭ މުހިއްމު އެއް މަސައްކަތަކީ ޤައުމުގެ ދަރިންނަށްޓަކައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުން ކަމަށެވެ. އަދި އެ ކުދިންނަށް އުފާވެރި މުޖުތަމައެއް ހޯދައިދިނުމަށް ރައްކާތެރި މާހައުލެއް ބިނާކުރުން ކަމަށެވެ.


އެހެންކަމުން މި ފެށި މަސައްކަތުގެ ތެރެއިން އިންދާ ގަސްތައް ހެދި އޭގެން ހިޔަލާއި މޭވާ ރައްޔިތުންނަށް ލިބެންދެން އެ ގަސްތައް ބެލެހެއްޓުމަށް ހާއްސަ ފަރާތްތަކެއް ކަނޑައަޅައި، އެ މަސައްކަތް ވިލަރެސް ކުރައްވަމުން ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.


ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވިދާޅުވީ، ސްޓެލްކޯއަކީ ޤައުމަށް ފެހިކަމާއި ރައްޔިތުންނަށް ފައިދާ ކުރަނިވި އެތައް ކަމެއް ގެނެސްދެމުންދާ ކުންފުންޏެއް ކަމަށެވެ. އަދި އެރަށުގައި ސްޓެލްކޯއިން އިންދި ގަސްތައް ބެލެހެއްޓުމުގައި ތުލުސްދޫގެ ކައުންސިލާއި އެ ރަށުގެ މުއައްސަސާތަކުގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.


ސްޓެލްކޯއިން ފެށި މި ހަރަކާތުގެ ފުރަތަމަ ފިޔަވަހީގައި ކ. ތުލުސްދޫގައި އިންދި 6000 ގަހާއެކު، ސްޓެލްކޯއިން ޚިދުމަތްދޭ 33 ރަށެއްގައި ވަނީ ޖުމްލަ 21،007 ގަސް އިންދާފައެވެ. މީގެ ތެރޭގައި ހިމެނެނީ ދިވެހި ރުކާއި، އޮފި އެލޭ، ކިނބި އަދި ދިއްގާގެ އިތުރުން ހިރުނދެވެ.


މީގެ އިތުރުން މި ހަރަކާތް ކުރިއަށް ގެންދިއުމަށްޓަކައި ސްޓެލްކޯ އިން ވަނީ ކޮންމެ ރަށެއްގައި ވެސް ގްރީން އޭޖެންޓެއް ކަނޑައެޅުމަށް ނިންމާފައެވެ. މިގޮތުން ކަނޑައަޅާ ގްރީން އޭޖެންޓުންގެ ޒިންމާއަކަށް ވަނީ މި ޙަރަކާތުގެ ތެރެއިން ކުރިއަށްގެންދާ ގަސްއިންދުމުގެ މަސައްކަތް ވިލަރެސްކުރުމާއި، ޙަރަކާތުގެ ތެރެއިން އިންދާ ގަސްތައް ބެލެހެއްޓުމެވެ.


ތުލުސްދޫގައި މި ޙަރަކާތް އެ ރަށުގެ ކައުންސިލާއި ރަށުގެ އެކި މުއައްސަސާތަކާއި އަދި ރަށުގައި ހިންގާ ޖަމުޢިއްޔާތަކާއި ގުޅިގެން ކުރިއަށްގެންދާއިރު، އެހެން ރަށްރަށުގައި މި ޕްރޮގްރާމް ކުރިއަށްގެންދާނީ އެ ރަށެއްގެ ރަށު ކައުންސިލާއި ގުޅިގެންނެވެ.


ހަކަތަ އުފެއްދުމަށް ސްޓެލްކޯއިން ކުރާ މަސައްކަތުގެ ތެރެއިން އުފެދޭ ކާބަން ފުޓްޕްރިންޓް ކުޑަކޮށް، ކާބަން އޮފްސެޓް ކުރުމުގެ އަމާޒުގައި ފެށި މި ޙަރަކާތުގައި ހިޔާލިބޭ ބޮޑެތި ގަސްގަހުގެ އިތުރުން ތަރުކާރީއާއި މޭވާ އަދި ހޭޅިފަށް ރައްކާތެރިކުރާ ފަދަ ގަސް އިންދުމަށް ސްޓެލްކޯއިން ވަނީ ނިންމާފައެވެ.


ފަސް އަހަރުން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ 2023 ވަނަ އަހަރު ދުބާއީގައި ކުރިއަށްދިޔަ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ޤައުމީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވާފައިވާ ޕްރޮގްރާމެކެވެ.


ކިޔުންތެރިންގެ ހިޔާލު