ބަންގި ގޮވުމުގެ މުބާރާތުގެ އޮޑިޝަން ފެބްރުއަރީ މަހު

7 hours ago

އަފްރާހް

"ނޫރުލް އަޛާން 1446″ ބަންގި މުބާރާތުގައި ބައިވެރިވެފައިވާ ފަރާތްތަކަށް ބާއްވާ އޮޑިޝަން މި ފެށޭ ފެބްރުއަރީ މަހު ބޭއްވުމަށް ނިންމައިފިއެވެ.


އިސްލާމިކް މިނިސްޓްރީން ބާއްވާ މި މުބާރާތުގެ އޮޑިޝަން ބޭެއްވުމަށް މިހާރު ތާވަލުކޮށްފައިވަނީ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު އެވެ. އަދި އޮޑިޝަން އޮންނާނީ އެދުވަހުގެ ހަވީރު 4 ން އިރުއޮއްސި 6 ޖަހަންދެން އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.


ނޫރުލް އަޛާން ބަންގި މުބާރާތަކީ އުމުރުން 15 އަހަރާއި 20 އަހަރާއި ދެމެދުގެ ފަރާތްތަކަށް އަމާޒުކޮށްގެން އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި 40 ފަރާތަކުން ބައިވެރިވެފައިވާއިރު، އޮޑިޝަންގައި ވާދަކުރާނީ މުބާރާތުގައި ވާދަކުރުމަށް ޝަރުތުހަމަވާ 30 ފަރާތަކުންނެވެ.


މި މުބާރާތުގެ މަގްސަދަކީ ރީތި ރާގުތަކަށް ސައްހަ މަގުން ހުނަރުވެރިކަމާއެކު ބަންގި ދޭ ޒުވާނުންތަކެއް އުފެއްދުމާއި ޒުވާނުންނާއި ކުދިބޮޑު އެންމެންގެ ހިތްތަކުގައި އެކަމަށް ޝައުގުވެރިކަން އުފެއްދުމެވެ. އަދި ގައުމުގެ އިސްލާމީ ޝަހްސިއްޔަތު ވަރުގަދަ ކުރުމާއި ރީތިކޮށް ބަންގިދޭ ޒުވާނުންގެ ޕޫލެއް އެކުލަވާލުމެވެ.


މީގެއިތުރުން މި ފަންނުގެ ރޫހު އާލާކުރުމާއި ދިރުވުމާއި ކުރުއެރުވުމެވެ. މިއީ ދާއިރާއެއްގެ ގޮތުގައި ފާހަގަކޮށް މި ދާއިރާގައި އުޅޭ ފަރާތްތަކަށް އަގުވަޒަންކުރުމާއި މާލެސިޓީއާއި މުޅި ރާއްޖޭގެ މުސްތަގްބަލުގެ އިސްލާމީ ޝަހްސިއްޔަތު ވަރުގަދަކުރުމެވެ.


މި މުބާރާތުން ވަނަތަކަށް އަންނަ ބައިވެރިންނަށް އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، 1446 ވަނަ އަހަރުގެ ރަމަޟާން މަހު މާލޭގެ ބޮޑެތި މިސްކިތްތަކުގައި ހުކުރު ނަމާދުގެ ބަންގި ގޮވުމުގެ ފުރުސަތު ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު