ހުރިހާ ބާވަތެއްގެ މަސްވެރިކަން ކުރުމާއި މެރިކަލްޗަރ ކުރިއެރުވުމަށް ސަރުކާރުން މަސައްކަތްކުރައްވާ: މިނިސްޓަރ

6 months ago

އަފްރާހް

ހުރިހާ ބާވަތެއްގެ މަސްވެރިކަން ކުރުމާއި، މެރިކަލްޗަރ ކުރިއެރުވުމަށް ސަރުކާރުން މަސައްކަތްކުރައްވާ ކަމަށް ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ 'ކަނޑުރޯދި އުފާ' ފެސްޓިވަލުގައި ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ ޝިޔާމް ވަނީ ކަނޑުގެ ވަސީލަތްތައް އެންމެ ފުރިހަމަގޮތުގައި ބޭނުންކޮށް، ހިމާޔަތްކުރުމަކީ ސަރުކާރުގެ ވިސްނުންފުޅެއް ކަމަށް ވެސް ވިދާޅުވެފައެވެ.

މީގެއިތުރުން ރާއްޖެއަކީ ކަނޑުގެ މައްޗަށް ބިނާވެފައި އޮންނަ ޤައުމަކަށްވާތީ ކަނޑުގެ ވަސީލަތްތަކުން އާމްދަނީ އިތުރަށް ހޯދުމަށް ތަފާތު އެކި ސިނާއަތް ޤާއިމް ކުރެއްވުމުގެ ސަރުކާރުގެ އަމާޒެއްކަމަށް ވެސް ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ، ކެބިނެޓުގެ ނަންތައްދެއްވިއިރު، ފީޝަރީޒް މިނިސްޓްރީ ވަނީ ވަރަށް ބޮޑަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކަށް މެންޑޭޓްކުރައްވާފައި ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރ ޝިޔާމް އިތުރަށް ވިދާޅުވީ ކަނޑުރޯދިން މިހޯދާ ނަފާ އިތުރުކުރުމާއި ކަނޑުގެ ވަސީލަތްތަކުން މިހިންގާ ހަރަކާތްތަކަކީ އާމްދަނީ ހޯދުންކަމުގައި ވިޔަސް، ދެމެހެއްޓެނިވި ގޮތަކަށް ހިންގޭ ހަރަކާތްތަކަކަށް ހެދުމަކީ ވަރަށްބޮޑު އަމާޒެއް ކަމަށެވެ.

'ކަނޑުރޯދި އުފާ' ފެސްޓިވަލް ކުރިއަށް ގެންދަނީ ފިޝަރީޒް މިނިސްޓްރީންނެވެ. 

ކިޔުންތެރިންގެ ހިޔާލު