ތިމާވެށީގެ ދުވަހާއި ކަނޑުތރަކުގެ ދުވަސް ފާހަގަކުރުމަށް އެމްޑަބްލިއުއެސްސީން ކުރެހުމުގެ މުބާރާތެއް

4 months ago

އަފްރާހް

ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެމް.ޑަބްލިޔު.އެސް.ސީ އިން އެން.ސީ.އޭ އާއި ގުޅިގެން ކުރެހުމުގެ މުބާރާތެއް އިފްތިތާހުކޮށްފިއެވެ.


"ފެނުން ދިރުން" މި ނަމުގައި ޖޫން 8 ގައި ސަލްޓަން ޕާރކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މުބާރާތް އިފްތިތާހް ކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަޙީދު އާއި އެމްޑަބްލިއުއެސްސީ މެނޭޖިންގ ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދުއެވެ.


މިރަސްމިއްޔާތުގައި މިނިސްޓްރީގެ އިސް ބޭފުޅުންނާއި، ނެޝަނަލް ސެންޓަރ ފޯ ދި އާރޓްސް ގެ އިސް ބޭފުޅުނނާއި އެމް.ޑަބްލިޔު.އެސް.ސީގެ ބޯރޑް މޭމްބަރުންނާއި މެނޭޖުމަންޓް ޓީމުގެ އިސް ބޭފުޅުން ބައިވެރިވިއެވެ.


މިމުބާރާތުގައި ބައިވެރިކުރާ ކުރެހުންތަކުން އެންމެ މޮޅު ތިން ކުރެހުމަކަށް ކަނޑައެޅިފައިވާ ފައިސާގެ އިނާމެއް ލިބޭއިރު، 1 ވަނަ އަށް 50,000 ރުފިޔާ، 2 ވަނަ އަށް 35000 ރުފިޔާ އަދި 3 ވަނަ އަށް 15000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.


މީގެއިތުރުން އެންމެ މޮޅު ފަސް ކުރެހުމެއް ހޮވައި އެކުރުހުންތަކަށް ވެސް ފައިސާގެ އިނާމެއް ދޭނެއެވެ. އަދި މި 5 ކުރެހުން ހޮވާނީ އާންމުންގެ މެދުގައި އެންމެ މަގުބޫލު 5 ކުރެހުމަށް ބެލުމަށްފަހުއެވެ.


މި މުބާރާތް އިންސާފު ކުރުމަށް ހަމަޖެހިފައިވަނީ އެން.ސީ.އޭ އިން އެކުލަވާލައިފައިވާ ކުރެހުމުގެ ދާއިރާ އިން ފުންނާބު އުސް ފަނޑިޔާރުންގެ ޕެނަލްއަކުންނެވެ.


މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު، 18 އަހަރުން މަތީ ކޮންމެ ބޭފުޅަކަށްވެސް ވަނީ ހުޅުވާލެވިފައެވެ. މިގޮތުން މިމުބާރާތުގެ ވެބްސައިޓް www.fenundhirun.mwsc.com.mv މެދުވެރިކޮށް ރަޖިސްޓަރ ކޮށް އަދި މި މުބާރާތާ ބެހޭ އިތުރު މައުލޫމާތު ލިބިގެން ދާނެއެވެ.


ހަމަމިއާއެކު މިމުބާރާތުގައި ބައިވެރިކުރާ ކުރެހުންތަައް އާންމުންނަށް ދައްކާލުމަށް ނެޝަނަލް އާރޓްސް ގެލަރީގައި ހާއްސަ މައުރަޒެއް ޖުލައި މަހުގެ 27 އިން 30 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.


މި މުބާރާތުގަައި ބައިވެރި ކުރެވޭ ކުރެހުންތައް އާންމުންނަށް ގަތުމަށް ހުޅުވާލައި ކުރެހުންތައް ވިއްކުމުގެ ފުރުސަތު ވެސް އެގްޒިބިޝަންގައި ހުޅުވައިލާނެއެވެ.


މިގޮތުން، ކޮންމެ އާޓިސްޓަކަށް ކުރެހުމުގެ އަގުގެ 15 އިން ސައްތަ ލިބޭއިރު، ބާކީ 85 އިންސައްތަ ބޭނުންކުރާނީ ކުރެހުންތެރިންގެ ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމަށެވެ.


އެމް.ޑަބްލިޔު.އެސް.ސީ ގެ އަމާޒަކީ ދެމެހެއްޓެނެވި ގޮތެއްގައި މުޖުތަމައަށް ފައިދާ ކުރުވާފަދަ ހަރަކާތްތަކެއް ހިންގުމެވެ. އަދި، މި ފަދަ ޙަރަކާތްތަކުން ފަރުދީ ޒިންމާ އިތުރުވެ، ފަހި މާދަމާ އަކަށް މަގުފަހިވެގެންދިއުމެވެ. 


ކިޔުންތެރިންގެ ހިޔާލު