ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ޖޫން 30 ގެ ނިޔަލަށް

6 months ago

ސާއި

މޯލްޑިވްސް މީޑިއާ ކައުންސިލުން ކޮންމެ އަހަރަކު ދެމުން އަންނަ، "ނޫސްވެރިކަމުގެ އިނާމު 2023" އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.


އެމްއެމްސީން ވިދާޅުވީމިއަހަރުގެ އިނާމު ދިނުމަށް ކަނޑައަޅާފައިވަނީ ނޫސްމަޖައްލާ ކެޓަގަރީ އާއި އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީ ހިމެނޭހެން 18 ދާއިރާއަކަށް ކަމަށެވެ. އަދި މި ދާއިރާތަކަށް ނަން ހުށަހެޅުމުގެ ސުންގަޑިއަކީ ޖޫން 30 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 1 ޖަހަންދެން ކަމަށެވެ.


އިިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތަކުގެ ތަފްސީލު "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު" ގައި ވަނީ ބަޔާންކޮށްފައެވެ. އަދި އިނާމަށް ނަން ހުށަހަޅާ ފޯމާއި އަދި މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް އެ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމަށް ކުރެވުނު އިއުލާނާއެކު ވަނީ އާންމުކުރައްވާފައެވެ.


މިއަހަރުގެ އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތަކަކީ ތަޙުޤީޤީ ނޫސްވެރިކަމުގެ ދާއިރާ، އިޖުތިމާޢީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުޢީ އަދި ޤާނޫނީ ދާއިރާ، ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާ، ކުޅިވަރުގެ ދާއިރާ އެވެ. އަދި ފޮޓޯ ޖާރނަލިޒަމްގެ ދާއިރާ، ވީޑިއޯ ޑޮކިއުމަންޓްރީގެ ދާއިރާ، ގްރެފިކްސް އާއި އިލެސްޓްރޭޝަންސްގެ ދާއިރާ، ފީޗަރ ރިޕޯޓުގެ ދާއިރާ، ތާރީޚާއި ސަގާފަތުގެ ދާއިރާ އެވެ.


މީގެއިތުރުން މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާއާއި ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއާއި އޯޑިއޯ ޖާނަލިޒަމްގެ ދާއިރާއާއި އުންމީދީ ނޫސްވެރިޔާގެ އިނާމާއިި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު ވެސް ހިމެނެއެވެ.


ހަމަމިއާއެކު އަހަރުގެ އެންމެ މޮޅު ކަވަރޭޖުގެ އިނާމާއި އަތޮޅުތެރޭގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު ވެސް ވަނީ ހިމަނާފައެވެ.


މި އިނާމު ދިނުމުގެ މައިގަނޑު މަގުސަދު ތެރޭގައި ދިވެހި ނޫސްވެރިންނަށް ހިތްވަރުދިނުމާއި، ދިވެހި ނޫސްވެރިންގެ މަސައްކަތް ފާހަގަކުރުމާއި، ނޫސްވެރިކަމުގެ ފަންނުގައި ނޫސްވެރިކަމުގެ އަޚުލާޤީ މިންގަނޑު ހިފަހައްޓައި، ފެންވަރު ރަނގަޅު އުފެއްދުންތައް އުފެއްދުމަށް ބާރު އެޅުމެވެ. 

 

ކިޔުންތެރިންގެ ހިޔާލު