ބީއެމްއެލް އިން މާފުށީގައި ޔޫއެސް ޑޮލަރު އޭޓީއެމްއެއް ގާއިމްކޮށްފި

4 months ago

އަފްރާހް

ބޭންކް އޮފް މޯލްޑިވްސް އިން ކ. މާފުށީގައި ޔޫއެސް ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށައިފިއެވެ.


މި އޭޓީއެމް މެދުވެރިކޮށް ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ޔޫއެސް ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެއެވެ. މިއީ މާލެ ސިޓީ އިން ބޭރުގައި ބެހެއްޓުނު ފުރަތަމަ ޔޫއެސް ޑޮލަރު އޭޓީއެމް އެވެ.


މި އޭޓީއެމް އަކީ މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބެހެއްޓިފައި ހުރި އޭޓީއެމް ނެޓްވޯކަށް އިތުރުވެގެންދާ އެޓީއެމްއެކެވެ.


މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ އެރަށުގައި ޔޫއެސް ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ހިދުމަތަށް އޮތް ޑިމާންޑް އަންނަނީ އިތުރުވަމުން ކަމަށެވެ. އެހެންކަމުން މިކަމަށް އެހީތެރިވުމުގެ ގޮތުން މި ރަށުގައި ޔޫއެސް ޑޮލަރު އޭޓީއެމްގެ ހިދުމަތް ފެށޭކަމީ ލިބޭ އުފަލެއް ކަމަށެވެ.


މީގެއިތުރުން އިގްތިސާދީ ގޮތުން މާފުށި ކުރިއަރަމުންދާއިރު، ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުން އެ ބޭންުކުން ތިބީ ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކިންގ ހިދުމަތް 24 ގަޑިއިރު ފޯރުކޮށްދިނުމަށް އެހީތެރިވާން ކަމަށް ވެސް ވިދާޅުވިއެވެ.


ބީއެމްއެލް އިން ދާދި ފަހުން އެރަށު ބްރާންޗުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުޅާކޮށްފައިވާއިރު، އެ ބްރާންޗުން ޑޮލަރު ޖަމާކުރުމާއި ނެގުން، ލޯނު އަދި ފައިނޭންސިންގ އަށް އެދި ހުށަހެޅުން، ޗެކް ޑިޕޮސިޓް ކުރުމުގެ ހިދުމަތް، ސްޓޭޓްމަންޓް ދޫކުރުމާއި ބޭރު ފައިސާ މާރުކުރުން ފަދަ ގިނަ ހިދުމަތްތަކެއް މިހާރު ލިބޭނެއެވެ.


މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 86 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 144 އޭޓީއެމް، ކޭޝް އޭޖެންޓުގެ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.


ކިޔުންތެރިންގެ ހިޔާލު