މޭ މަހު މީރާއިން 1.66 ބިލިއަން ރުފިޔާ ބަލައިގަނެފި

4 months ago

އަފްރާހް

މިއަހަރުގެ މޭ މަހު، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 1.66 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ.


މީރާ އިން ވިދާޅުވީ މިއީ ފައިބެއަހަރުގެ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 4.8 އިންސައްތަ ދަށް އަދަދެއް ކަމަށެވެ. އަދި މިއަހަރުގެ މޭ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 0.8 އިންސައްތަ ގިނަ އަދަދެއް ކަމަށެވެ.


މީރާއިން މައުލޫމާތު ދޭ ގޮތުގައި ފައިބެއަހަރުގެ މޭ ލިބުނު އާމްދަނީ އާ އަޅައިބަލާއިރު، މިއަހަރުގެ މޭ މަހު ލިބިފައިވާ އާމްދަނީ ދަށް ވުމުގެ މައިގަނޑު ސަބަބަކީ ކޯޕަރޭޓް އިންކަމް ޓެކުހާއި، ޖީ.ޖީ.އެސް.ޓީ، އަދި އެއަރޕޯޓް ޓެކުހާއި ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށް ވުމެވެ.


މީގެ އިތުރުން ނިމިދިޔަ އަހަރުގެ ޖޫން މަހު އައިސްފައިވާ އާމްދަނީން ނަގާ ޓެކުހުގެ ސުންގަޑީގެ ފައިސާ، ސުންގަޑީގެ ކުރިން، އެ އަހަރުގެ މޭ މަހު ގިނަ ފަރާތްތަކުން ދައްކައިފައިވާތީ، މިދިޔަ އަހަރުގެ މޭ މަހު ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މޭ 2024 ގައި ލިބިފައިވާ އާމްދަނީ ވަނީ ދަށްވެފައި ކަމަށް ވެސް ހާމަކުރައްވައެވެ.


މިގޮތުން މޭ 2024 ގައި ލިބިފައިވަނީ، އާމްދަނީން ނަގާ ޓެކުހުގެ ކުރީގެ ސުންގަޑިތަކުގައި ދައްކައިފައިނުވާ ފައިސާ ކަމަށާއި މޭ މަހުގެ އާމްދަނީ ދަށް ވުމުގެ އިތުރު ސަބަބަކީ، ޖީ.އެސް.ޓީގެ ސުންގަޑިއަށް ބައެއް ފަރާތްތަކުން ޖީ.އެސް.ޓީ ދައްކައިފައިނުވާތީކަމަށް މީރާއިން މައުލޫމާތު ދެއްވައެވެ.


މީގެ އިތުރުން އޭޕްރީލް 2023 އާއި އަޅައިބަލާއިރު އޭޕްރީލް 2024 ގައި ދަތުރުވެރިން ފުރާފައިވާ އިންސައްތަ 0.9 އިންސައްތަ ދަށްވެފައިވާތީ، އެއަރޕޯޓް ޓެކުހާ ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށް ވެފައިވާކަމަށް ވެސް މީރާ އިން މައުލޫމާތު ދެއްވައެވެ.


މީރާ އިން ވިދާޅުވީ މޭ 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވެފައިވަނީ، ނޮން ރެޒިޑެންޓް ވިތުހޯލްޑިން ޓެކުހާއި ޓޫރިޒަމް ލޭންޑް ރެންޓް އިން ލިބިފައިވާ އާމްދަނީ އިތުރުވުމުން ކަމަށް މީރާއިން މައުލޫމާތުދެއެވެ.


މީގެ ސަބަބަކީ، މުވާސަލާތީ ދާއިރާއިން ރިޕޯޓްކޮށް އަދި ފައިސާ ދައްކައިފައިވާ އަދަދު އިތުރުވެފައިވާތީ، އަދި، ޓޫރިޒަމް ލޭންޑް ރެންޓުގެ ސުންގަޑީގެ ކުރިން ބައެއް ފަރާތްތަކުން ފައިސާ ދައްކައިފައިވާތީ ކަމަށް މީރާއިން މައުލޫމާތު ދެއްވައެވެ.


މޭ 2024 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ހިއްސާއަކީ ޖީ.އެސް.ޓީއެވެ. އެއީ 1.10 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 149.35މިލިއަން ރުފިޔާއެވެ.


މީގެ އިތުރުން އެއަރޕޯޓް ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި 96.55 މިލިއަން ރުފިޔާ، ޑިޕާޗަރ ޓެކުހުގެ ގޮތުގައި 93.68 މިލިއަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 25.85 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 135.30 މިލިއަން ރުފިޔާ ލިބިފައިވެއެވެ.


މިއަހަރުގެ މޭ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 66.57 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު