ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހުދު ސަމާލު

5 months ago

އަފްރާހް

ރާއްޖޭގެ މޫސުމާއިބެހޭ ގައުމީ އިދާރާ އިން، ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.


އެ އިދާރާ އިން ވިދާޅުވީ އެސަރަހައްދުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކުރައްވާފައެވެ.


މީގެއިތުރުން ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ފަށާ ކަމަށް ވިދާޅުވިއެވެ. އަދި އޭގެ ފަހުން މި މޫސުމުގެ އަސަރު މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ފޯރަންފަށާއިރު، މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭ ކަމަށް ވިދާޅުވިއެވެ.


އެ އިދާރާ އިން ވަނީ މި އަހަރުގެ ހުޅަނގު މޫސުމުގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އާދަޔާ ހިލާފަށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް ލަފާކުރައްވާފައެވެ.


އެގޮތުން ޖޫން މަހާއި ޖުލައި މަސް އަދި އޯގަސްޓް މަހާއި ސެޕްޓެމްބަރު މަހުގެ ތެރޭގައި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އާންމުކޮށް ވާރޭވެހޭ ވަރަށް ވުރެ އިތުރަށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކުރައްވާފައެވެ.


އެހެންނަމަވެސް ރާއްޖޭގެ ދެކުނުގެ އަތޮޅުތަުގެ ރަށްތަކަށް އެ ދުވަސްވަރު ވާރޭވެހޭނީ އާންމުކޮށް ވާރޭވެހޭ ވަރަށް ވުރެ މަދުން ކަމަށް ލަފާކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު