ދިވެހި ހައްޖުވެރިން އަރަފާތަށް ދަތުރުކުރަން ފަށާނީ މިރޭ

4 months ago

އަފްރާހް

ދިވެހި ހުރިހައި ހައްޖުވެރިން މިހާރުތިބީ މިނާގައި ކަަމަށް މޯލްޑިވްސް ހައްޖު މިޝަނުން މައުލޫމާތު ދެއްވައިފިއެވެ.


އެފަރާތުން ވިދާޅުވީ ދިވެހި ރާއްޖެއިން ހައްޖަށް ދިޔަ ހުރިހައި ހައްޖުވެރިން އަރަފާތަށް ދިއުމަށް މިރޭ ދަތުރު ފަށާނެ ކަމަށެވެ. އަދި މިހާރުތިބީ މިނާގައި ކަމަށެވެ.


ހައްޖު މިޝަންގެ ޑިރެކްޓަރ އަލްއުސްތާޛް އުސާމް މުޙައްމަދު ސަޢީދު ވިދާޅުވީ ހުރިހައި ހައްޖުވެރިންގެ ހާލު ވެސް އާންމު ގޮތެއްގައި ރަނގަޅު ކަމަށެވެ.


މައްކާ ސަރަހައްދުގެ މޫސުމަށް ބަލާއިރު، ހޫނުމިން 45 ޑިގްރީ އަށްވުރެ މަތިވާނެތީ ހައްޖުވެރިން އެކަމަށް ސަމާލުކަން ދެއްވުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުންވވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ހައްޖުވެރިން ހޫނުން ސަލާމަތްކޮށްދެއްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާ އެގައުމުގެ ސަރުކާރުން ވަނީ އެ އިންތިޒާމުތައް ހަމަޖައްސަވާފައެވެ.


ދިވެހި ހައްޖުވެރިން ވެސް ހޫނުން ރައްކާތެރިވުމަށް ކުރަންޖެހޭ މަސައްކަތް ކުރައްވާފައިވާ ކަމަށާއި އެކަމަށް ވާންޖެހޭ ތައްޔާރީތައް ވެފައި ވާކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދެއްވައެވެ. އަދި ސިއްހީގޮތުން އެ ކޯޕަރޭޝަންގެ މެޑިކަލް ޓީމު ތައްޔާރަށް އޮތްކަމަށް ވަނީ ވިދާޅުވެފައެވެ.


ދިވެހި ހައްޖުވެރިން މިނާގައި މިހާރު ތިބިއިރު، ހެނދުނުގެ ނާސްތާއާއި މެންދުރުގެ ކެއުން ވަނީ ނިމިފައެވެ. ދިވެހި ރަހަތައް އެކުލެވޭ ދިވެހި ކެއުން ޙައްޖުވެރިންނަށް މިނާގައި ތިބޭއިރު، ލިބޭ ގޮތަށް ހައްޖު ކޯޕަރޭޝަނުން ވަނީ އިންތިޒާމްތައް ރާވާފައެވެ.


މިއަހަރު ރާއްޖެއަށް ލިބިފައިވަނީ 1150 ކޯޓާއެވެ.


ކިޔުންތެރިންގެ ހިޔާލު