އަޟްހާ އީދު ދުވަހުގެ ހަވީރު 4 ން 6 އަށް ވެހިކަލް ދުއްވުން މަނާ

4 months ago

އަފްރާހް

މިއަހަރުގެ އަޟްހާ އީދު ދުވަހުގެ ހަވީރު 4 ން 6 ޖަހަންދެން މާލެ ސަރަހައްދުގައި އިންޖީނުލީ ވެހިކަލް ދުއްވުން މަނާކޮށްފިއެވެ.


މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ އީދު ދުވަހުގެ ހަވީރު 4 ން 6 ޖަހަންދެން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހައި މަގުތަކަކީ ވެހިކަލް ނުދުއްވާ ސަރަހައްދުތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ.


އެހެންނަމަވެސް އެމަޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ހާއްސަ ސްޓިކަރ އެ ކައުންސިލުގެ އާންމު ހިދުމަތާއި ބެހޭ ބައި (ތައިސޭކޮށި، މާލެ) އިން ދޫކުރާނެ ކަމަށް ވިދާޅުވިއެވެ.


ސިޓީ ކައުންސިލުން އިތުރަށް ވިދާޅުވީ މިފަދަ އުޅަނދުތަކަށް ދޫކުރާ ހާއްސަ ސްޓިކަރ ދޫކުރާނީ މިއަދު މެންދުރުފަހު 2 ން ހަވީރު 4 ޖަހަންދެން އަދި ރޭގަނޑު 9 ން 11 ޖަހަންދެން ކަމަށެވެ. އަދި ހޮނިހިރު ދުވަހުގެ ހެނދުނު 10 ން މެންދުރުފަހު 2 ޖަހަންދެންނާއި ރޭގަނޑު 9 ން 11 ޖަހަންދެން ވެސް ސްޓިކަރ ދޫކުރާނެކަަމަށް ވިދާޅުވިއެވެ.


ސިޓީ ކައުންސިލުން ވިދާޅުވީ މާލެ، ހުޅުމާލެ އަދި ވިލިމާލޭ މަގުތަކުގައި އީދު ދުވަހުގެ ހަވީރު އިންޖީނުލީ އަދި ބެޓެރި އުޅަނދު ދުއްވުމަކީ މަނާކަމެއް ކަމަށާއި އީދު ދުވަހު އެފަދަ އުޅަނދު ދުއްވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު