ގައުމެއްގެ އާބާދީގެ 1 އިންސައްތަ މީހުން ލޭ ހަދިޔާ ކުރާ ނަމަ، އެގައުމަކަށް ލޭ ލިބޭނެ

4 months ago

އަފްރާހް

ގައުމެއްގެ އާބާދީގެ 1 އިންސައްތަ މީހުން ގަވައިދުން ދަރުމައަށް އެދި ލޭ ހަދިޔާ ކުރާ ނަމަ، އެ ގައުމަކަށް ބޭނުންވާ މިންވަރަށް ލޭ ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.


ބައިނަލްއަގުވާމީ ލޭ ހަދިޔާކުރާ ދުވަހުގެ މުނާސަބާގައި އެ މިނިސްޓްރީން ނެރުއްވި ބަޔާނުގައި ވަނީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ 14 ވަނަ ދުވަސް ފާހަގަކުރެވެނީ ބައިނަލްއަޤުވާމީ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހުގެ ގޮތުގައި ކަމަށެވެ. އަދި މިދުވަސް ދުނިޔޭގެ ފެންވަރުގަ ފާހަގަ ކުރެވުމުގެ ބޭނުމަކީ މީހުންގެތެރޭގައި ލޭ ހަދިޔާކުރުމަށް ހޭލުންތެރިކަން އިތުރުކުރުމާއި، އަމިއްލައަށް އެދިގެން ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް ޝުކުރު އަދާކުރުން ކަމަށެވެ.


ރާއްޖެއަކީ ނިސްބަތުން ތެލަސީމިއާ ޕޭޝަންޓުން ގިނަ ގައުމަކަށްވާއިރު، ރާއްޖޭގައި ލޭ ބޭނުންވާ މިންވަރު ވެސް އެހެން ގައުމުތަކާއި އަޅާބަލާއިރު އިތުރު ކަމަށާއި ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާ އިން އަންދާޒާ ކުރާގޮތުން، އާންމު ގޮތެއްގައި އެ ގައުމެއްގެ އާބާދީގެ 1 އިންސައްތަ މީހުން ގަވައިދުން ދަރުމައަށް އެދި ލޭ ހަދިޔާ ކުރާ ނަމަ، އެ ގައުމަކަށް ބޭނުންވާ މިންވަރަށް ލޭ ލިބޭނެ ކަމަށް އެ ބަޔާނުގައި ވެއެވެ.


އެހެންނަމަވެސް ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާ އިން ރާއްޖެއަށް މިނިސްބަތް ވަނީ 3 އިންސައްތައަށް މަތިކޮށްފައި ކަމަށާއި ރާއްޖޭގައި ބޭނުންކުރެވޭ ލޭގެ ގާތްގަޑަކަށް 70 އިންސައްތަ ބޭނުންކުރެވެނީ ތެލެސީމިއާ ޕޭޝަންޓުންނަށް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.


ލޭ ހަދިޔާކުރާ މީހުން މައިގަނޑު ގޮތެއްގައި ބަހާލެވެނީ 3 ބަޔަކަށް ކަމަށާއި އެއީ ހިލޭސާބަހަށް އަމިއްލައަށް އެދިގެން ލޭ ހަދިޔާ ކުރާ ޑޯނަރުންނާއި ވަކިމީހަކަށް ދިނުމުގެ ގޮތުން ލޭ ހަދިޔާ ކުރާ ޑޯނަރުން އަދި އެކި މުއައްސަސާތަކުން ހިންގާ ލޭ ހަދިޔާކުރުމުގެ ކޭންޕްތަކުގައި ލޭ ހަދިޔާ ކުރާ ޑޯނަރުންކަން ހެލްތު މިނިސްޓްރީން ފާޙަގަކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު