ހައްޖު ދުވަހުގެ ހެޔޮއެދުންތައް ރައީސް ޑރ. މުއިއްޒު ފޮނުއްވައިފި

4 months ago

އަފްރާހް

ބަރަކާތްތެރި ޙައްޖު ދުވަހުގެ ހެޔޮއެދުންތައް ދިވެހި ރައްޔިތުންނަށާއި އިސްލާމީ އުންމަތަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ފޮނުއްވައިފިއެވެ.


އެމަނިކުފާނު މި ތަހުނިޔާ ފޮނުއްވާފައިވަނީ މީސްމީޑިއާ މެދެުވެރިކުރައްވައި، ކުރެއްވި ޕޯސްޓެއްގައެވެ.


އެ ޕޯސްޓުގައި ވަނީ ހައްޖުދުވަހަކީ އަހަރުގެ އެންމެ ބަރަކާތްތެރި އެއް ދުވަސް ކަމުގައި ފާހަގަކުރައްވާފައެވެ.


މީގެއިތުރުން ﷲގެ ރުއްސެވުމާއި ފުއްސެވުމާއި މަދަދުން ފުރިގެންވާ މި ދުވަހުގެ ބާއްޖަވެރިކަން ދިވެހި ލޮބުވެތި ރައްޔިތުންނާއި މުޅި އިސްލާމީ އުންމަތަށް މިންވަރުކުރެއްވުމަށް އެދިވަޑައިގެން ވަނީ ދުޢާ ކުރައްވާފައެވެ.


ރާއްޖެއިން މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް 1150 މީހުން މައްކާއަށް ގޮސްފައިވާއިރު، މީގެތެރޭގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުގެ ތެރެއިން ފަގީރުންގެ ދަފްތަރުގައި ހިމެނޭ 1000 މީހުން މި ފަސް އަހަރު ދުވަހުގެ ތެރޭގައި ހައްޖަށް ފޮނުވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން ފޮނުވި 50 މީހުންވެސް ހިމެނެއެވެ.


އެމީހުން ހައްޖަށް ފޮނުވާފައިވަނީ ސަރުކާރުގެ ޚަރުދުގައެވެ.


މިއަހަރު ދިވެހި ހައްޖު ވެރިންގެ އިސްވެރިއެއްގެ ގޮތުން އަމީރުލް ޙައްޖުގެ ގޮތުގައި ސަރުކާރުން ފޮނުއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢިލް ޝަފީޢުއެވެ.


މީގެއިތުރުން އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވެސް މިއަހަރުގެ ދިވެހި ހައްޖު މިޝަންގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ. 


ކިޔުންތެރިންގެ ހިޔާލު