އަޟްހާ އީދު ނަމާދު ވެސް ކުރަން ފަށާނީ ހެނދުނު 7 ޖަހާއިރު

4 months ago

އަފްރާހް

މިއަހަރުގެ އަޟްހާ އީދު ނަމާދު ވެސް ކުރަން ފަށާނީ ހެނދުނު 7 ޖަހާއިރު ކަމުގައި އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.


މީގެކުރިން އީދު ނަމާދު ކުރަން ފަށާފައިވަނީ ހެނދުނު 7:30 ގައި ނަމަވެސް މިއަހަރުގެ ފިތުރު އީދުން ފެށިގެން އެ ގަޑި ވަނީ ހެނދުނު 7 ޖަހާއިރަށް ބަދަލުކޮށްފައެވެ.


އިސްލާމިކް މިނިސްތްރީން ވަނީ މާލެ ސިޓީގެ ހަތަރު ސަރަހައްދެއްގައާއި 25 މިސްކިތެއްގައި އީދު ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖައްސަވާފައެވެ.


އެގޮތުން މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނީ މާފަންނު ސްޓޭޑިއަމްގައި ކަމަށާއި ވިލިމާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނީ އެ އަވަށު ބޯޅަދަނޑުގައި ކަމަށް ވިދާޅުވިއެވެ. އަދި ހުޅުމާލޭގެ ސިންތެޓިކް ޓްރެކާއި ހުޅުމާލެ ފޭސް ދޭއްގެ ކްރިކެޓް ސްޓޭޑިއަމުގައި ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.


ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާ މައިދާންތަކާއި މިސްކިތްތައް ހުންނާނީ އަންހެނުންނަށް ވެސް އީދު ނަމާދުކުރެވޭނެ ޖާގަ ހަމަޖައްސާފައި ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.


އެ މިނިސްޓްރީން އިތުރަށް ވިދާޅުވީ މޫސުން ގޯސްވެ، ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރެވޭ ގޮތް ވެއްޖެ ނަމަ އީދު ނަމާދުކުރުން އޮންނާނީ ހުކުރު ކުރާ ހުރިހައި މިސްކިތެއްގައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު