6 months ago
ރާއްޖެއަށް އެތެރެކުރެވޭ މުދަލާގުޅޭގޮތުން ކަސްޓަމްސްގެ ޤާނޫނު ތަންފީޒްކުރުމުގައި ކަސްޓަމްސްއިން ފަސްނުޖެހޭނެ ކަމުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.
އެ ސަރވިސް އިން މިފަދައިން ވިދާޅުވެފައިމިވަނީ ޖޫން 13 ވަނަ ދުވަހު ކަސްޓަމްސް އިން ބަލައިފާސްކުރި ޝިޕްމެންޓަކާ ގުޅޭގޮތުން މީސްމީޑިޔާގައި ދެކެވޭ ވާހަކައާ ގުޅޭގޮތުން ނެރުއްވި ބަޔާނެއްގައެވެ.
އެ ބަޔާނުގައި ވަނީ ރާއްޖެއަށް އެތެރެކުރާ މުދަލުގެ ލިޔެކިއުން ނިންމުމާއި ބަލައިފާސްކުރުމުގެ ކަންކަން ކަސްޓަމްސް އިން ކުރަނީ ރިސްކްމެނޭޖްމެންޓް ނުވަތަ ކަސްޓަމްސް ހިރާސް ނިޒާމްގެ ތެރެއިން ކަނޑައެޅޭ ގޮތެއްގެމަތީން ކަމަށެވެ.
މިގޮތުން ކަސްޓަމްސް އަށް ލިބޭ އިންޓެލިޖެންސް މައުލޫމާތާއި ޝިޕްމެންޓްގައި ހިމެނޭ މުދަލުގެ ހިރާސް އެކުލެވޭ މިންވަރަށް ރިއާޔަތްކޮށް ބަލައިފާސްކުރުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށާއި އެ ޝިޕްމެންޓަކީ އޭގައި ޝައްކުއުފެދޭ ކަންތައްތަކެއް ހުރިކަމަށް ކަސްޓަމްސް އަށް ދުރައިލާ ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ބަލައިފާސްކުރި ޝިޕްމެންޓެއް ކަމަށް ވެސް ވިދާޅުވިއެވެ.
ކަސްޓަމްސް އިން ވިދާޅުވީ އެ މުދާ މެއި 19 ދުވަހު ރާއްޖެ އައިސްފައިވާއިރު، މިމުދާ ކަސްޓަމްސް އަށް ޑިކްލެއަރކޮށްފައިވަނީ ޝިޕްމެންޓްގައި 343 ކާޓަން ޕޭޕަރ ޓިޝޫ ހިމެނޭ ކަމަށެވެ. އަދި ޝިޕްމެންޓްގައި ހިމެނޭ މުދަލާ ގުޅޭގޮތުން ކަސްޓަމްސް އަށް ލިބުނު އިންޓެލިޖެންސް މައުލޫމާތުތަކަށް ރިއާޔަތްކޮށް ކަސްޓަމްސްގެ ކަމާގުޅޭ ސެކްޝަންތައް ގުޅިގެން ހިންގުނު ޖޮއިންޓް އޮޕަރޭޝަނެއްގައި ޖޫން 13 ވަނަ ދުވަހު މިމުދާ ބަލައިފާސްކުރެވިފައިވާ ކަަމަށް ވެސް ވިދާޅުވިއެވެ.
މިގޮތުން ބަލައިފާސްކުރުމުގެ ތެރޭގައި ކޮންޓެއިނަރގެ ތެރެއިން 143 ކާޓަންގެ ޕޭޕަރ ޓިޝޫ އާއި 200 މާސްޓަރ ކާޓަންގެ ސިނގިރޭޓް ފެނިފައިވާއިރު، މިގޮތުން މި 200 މާސްޓަރ ކާޓަންގައި 3,199,200 (ތިން މިލިއަން އެއްލައްކަ ނުވަދިހަ ނުވަހާސް ދުއިސައްތަ) ސިނގިރޭޓް ފެނިފައިވާ ކަަމަށް ވިދާޅުވިއެވެ. އަދި މި ޝިޕްމެންޓްގައި ހިމެނޭ މުދާ މިހާރު ވަނީ ކަސްޓަމްސް އިން ހިފަހައްޓާފައި ކަމަށް ވެސް ވިދާޅުވިއެވެ.
ވުމާއިއެކު، މިއީ ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައަކަށްވާތީ، މި މައްސަލާގެ ތަހުގީގު ކަސްޓަމްސް އިން ފަށާފައިވާ ކަމަށާއި ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ ލިޔެކިއުން ނިންމުމާއި މުދާ ބަލައިފާސްކުރުމުގެ މަރުހަލާތަކުގައި ކަސްޓަމްސް އަށް ލިބޭ އިންޓެލިޖެންސް މައުލޫމާތާއި ކަސްޓަމްސްގެ ހިރާސް ނިޒާމުގެ ތެރެއިން ކަނޑައެޅޭ ގޮތެއްގެމަތީން ޢަމަލުކުރާނެ ކަަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ހަމަމިއާއެކު ރާއްޖެއަށް އެތެރެކުރެވޭ މުދަލާގުޅޭގޮތުން ކަސްޓަމްސްގެ ގާނޫނު ތަންފީޒުކުރުމުގައި އެ އިދާރާ އިން ފަސްނުޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.