ފައިބެއަހަރު އެސްޓީއޯ އިން ރެކޯޑު އަދަދަކަށް ފައިދާ ހާސިލުކުރި

4 months ago

އަފްރާހް

ފައިބެއަހަރު އެސްޓީއޯ އިން ރެކޯޑު އަދަދަކަށް ފައިދާ ހާސިލުކޮށްފައިވާކަމަށް އެ ކުންފުނީގެ އަހަރީ ރިޕޯޓުން ދައްކައިފިއެވެ.


އެ ރިޕޯޓުގައިވާގޮތުގައި 2022 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ފައިބެއަހަރު 16.4 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2022 ވަނަ އަހަރާއި އަޅާބަލާއިރު 10 އިންސައްތަ ދަށްވުމެކެވެ.


މީގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދައްވުމާއެކު އެސްޓީއޯ އިން ވިއްކަމުންދިޔަ ތެލުގެ އަގުވެސް ދަށްކުރުމުންކަން ރިޕޯޓުގަުއ ވަނީ ފާހަގަކޮށްފައެވެ.


އެހެންނަމަވެސް ފާއިތުވި އަހަރު އެ ކުންފުނިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު އިތުރުވުމާއި ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ ރަނގަޅުވުމާއިއެކު، ޖުމްލަފައިދާގެ ގޮތުގައިވަނީ 3 ބިލިއަން ރުފިޔާ ލިބިފައި ކަަމަށް އަހަރީ ރިޕޯޓުން ދައްކައެވެ.


އެގޮތުން 2023 ވަނަ އަހަރު ޖުމްލަ ފައިދާ އިތުރުވުމާއިއެކު ހިންގުމުގެ ފައިދާ ވެސް އިތުރުވެފައިވާ ކަމަށާއި 2023 ވަނަ އަހަރު ހިންގުމުގެ ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ، ހާސިލްކޮށްފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ. 2022 ވަނަ އަހަރު އޮޕަރޭޓިންގ ޕްރޮފިޓްގެ ގޮތުގައި ލިބިފައިވަނީ 1 ބިލިއަން ރުފިޔާއެވެ.


މިއާއެކު، ޓެކްސްއަށް ކެނޑުމަށްފަހު ފައިބެއަހަރަށް ސާފު ފައިދާގެ ގޮތުގައި 818 މިލިއަން ރުފިޔާ ރެކޯޑްކުރެވިފައިވާ ކަމަށް އެ ރިޕޯޓުން ވަނީ ދައްކާފައެވެ.


މިއީ އެސްޓީއޯގެ ތާރީހުގައި ވެސް ރެކޯޑް އަދަދެކެވެ. 2022 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 728 މިލިއަން ރުފިޔާއެވެ. މިއީ 12 އިންސައްތައިގެ ކުރިއެރުމެކެވެ.


މީގެ މައިގަނޑު ސަބަބަކީވެސް ހަމަ ކުންފުނިން ކުރަމުން އަންނަ ވިޔަފާރިތައް ހަރުދަނާކުރެވި، ޖުމްލަ ފައިދާ އިތުރުކުރެވިފައިވުމެވެ. ކުންފުނީގެ ފައިދާ ރަނގަޅު ކުރެވުމާއި އެސްޓީއޯ ގްރޫޕްގެ ގިނަ ކުންފުނިތަކުން ފައިދާ އިތުރުވުމާއިއެކު އެސްޓީއޯ ގްރޫޕްގެ ފައިދާ ވެސް ވަނީ އިތުރުވެ، 1.1 ބިލިއަނަށް އަރާފައެވެ.


މިއީވެސް ރެކޯޑް އަދަދެކެވެ. 


ކިޔުންތެރިންގެ ހިޔާލު