މޯލްޑިވްސް ފުޑް ކާނިވަލްގެ ޑިޖިޓަލް ޕާޓްނަރއަކަށް ދިރާގު ހަމަޖައްސައިފި

4 months ago

އަފްރާހް

މޯލްޑިވްސް ފުޑް ކާނިވަލްގެ ޑިޖިޓަލް ޕާޓްނަރއަކަށް ދިރާގު ހަމަޖައްސައިފިއެވެ.


އަންނަ ޖުލައި މަހުގެ ތިންވަނަ ދުވަހުން ފެށިގެން ހަތް ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި ކާނިވަލުގައި ކާބޯތަކެތީގެ ތަފާތު ސްޓޯލްތައް ހުންނާނެއެވެ. އަދި ތަފާތު ގޭމްތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ވެސް ހުންނާނެކަމަށް މައުލޫމާތު ދެއެވެ.


ދިރާގުން ވިދާޅުވީ މި އިވެންޓުން ކުދި ވިޔަފާރިތަކާއި މަޝްހޫރު ކާބޯތަކެތީގެ ވިޔަފާރިތައް ގިނަބަޔަކަށް ދައްކާލުމަށް ފުރުސަތު ލިބޭނެ ކަމަށެވެ. އަދި މިއީ ދިވެހި ހޯމް ބޭސްޑް ވިޔަފާރިތައް އެއްތަނަކަށް ގެނެސް، އެފަރާތްތަކުގެ ހުށަހެޅުންތައް އާންމުންނަށް ދައްކާލުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.


"މިއަަހަރުވެސް ފުޑް ކާނިވަލްގެ ޕާޓްނަރަކަށްވެ، އާންމުންނާ ހަމައަށް ގެނެސްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެއް." ދިރާގުގެ ޕަބްލިކް ރިލޭޝަންސްގެ މެނޭޖަރު ޖައިޝަން ހަމީދު ވިދާޅުވިއެވެ.


މީގެއިތުރުން މި ކާނިވަލުގައި ދިވެހި ކާބޯތަކެއްޗާއި ބައިނަލްއަގުވާމީ ތަފާތު ކާބޯތަކެތި ހުރުމަކީ އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިތުރު ހިތްހަމަޖެހުމެއް ލިބޭނެ ކަމެއްގެ ގޮތުގައި ވެސް އޭނާ ފާހަގަކުރެއްވިއެވެ.


މިއީ މޯލްޑިވްސް ފުޑް ކާނިވަލްގެ ދެވަނަ އެޑިޝަނެވެ.


ދިރާގަކީ ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް އިތުރު ފުރުސަތުތައް މަގުފަހިކޮށްދޭ ފަދަ ތަފާތު އިޖްތިމާއީ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށް އަބަދު ވެސް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ.


ކިޔުންތެރިންގެ ހިޔާލު