ސަރުކާރުން ދަނީ މަސްވެރިންގެ ކަންކަން ވަރަށް ގާތުން ބަލަމުން: މިނިސްޓަރ

4 months ago

އަފްރާހް

ސަރުކާރުން ދަނީ މަސްވެރިންގެ ކަންކަން ވަރަށް ގާތުން ބަލަމުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ މިފްކޯ އިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުލިބޭ ކަމަށް ބުނެ އައްޑޫ ހުޅުމީދޫ މިފްކޯ ބަނދަރުގައި މަސްވެރިން އިހުތިޖާޖު ކުރަމުންދާ ދަނޑިވަޅެއްގައެވެ.


'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ސަރަހައްދުގައި ކުރިޔަށްދާ އިހުތިޖާޖު ފެށުމުގެ ކުރިންވެސް އަދި މިހާރުވެސް ސަރުކާރުން ދަނީ ވަރަށް ގާތުން ބަލަމުން އަޑުއަހަމުން ކަމަށެވެ. އަދި އެކަމުގައި މިފްކޯ އާއި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތަފްސީލު ވެސް ހިއްސާ ކުރަމުންދާ ކަމަށެވެ.


 


ޖޫން 21 ވަނަ ދުވަހުން ފެށިގެން އިހުތިޖާޖު ކުރަމުންދާ މަސްވެރިން ބުނަމުންދަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ މިހާރުން މިހާރަށް ދިނުމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ކިރުވާ މަހަށް ކޮންމެ 15 ދުވަހަކުން ފައިސާ ދިނުމަށް ސަރުކާރުން އެއްބަސްވުމަށެވެ.


މީގެއިތުރުން މި އިހުތިޖާޖާއި ގުޅިގެން އެކަށީގެންވާ ޖަވާބެއް ނުލިބިއްޖެ ނަމަ، މަސް ފެކްޓަރީގެ ހުރިހައި ސީނިއަރ މުވައްޒަފުން ފެކްޓްރީން ބޭރުކުރާނެ ކަމަށް ވެސް ދަނީ ބުނަމުންނެވެ. އަދި މަސް ކެއްކުމަށް ހުރަސް އަޅާނެ ކަަމުގެ އިންޒާރު ވެސް މިހާރުވަނީ ދީފައެވެ.


މަސްވެރިން ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދައްކާ ނިޒާމެއް ގާއިމު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެހެންނަމަވެސް ރާއްޖޭގެ މާލީ ހާލަތު ހުރި ގޮތުން އެ ފައިސާ ދިނުމުގައި ދަތިތަކެއް ދިމާވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.


ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާއި ޑރ. މުއިއްޒު ހަވާލުވެވަޑައިގެންނެވި އިރު، ނިމިދިޔަ އެމްޑީޕީ ސަރުކާރުން މަސްވެރިންނަށް ނުދީ ހުރި 851 މިލިއަން ރުފިޔާ މި ސަރުކާރުން ދޫކޮށް، ހަލާސްކޮށްފައިވާކަމަށް ސަރުކާރުން މީގެކުރިން ވަނީ ހާމަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު