ހައްޖުން އެނބުރި އައުމަށްފަހު ސަމާލުކަން ދޭންވީ މުހިއްމު ކަންކަން

4 months ago

އަފްރާހް

ހައްޖުން ނުވަތަ އުމްރާ އިން އެނބުރި އައުމަށްފަހު، ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތައް ނޫނީ ކުރެވިދާނެ ބައެއް ކަންކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަނދާން ކޮށްދެއްވައިފިއެވެ.


އެގޮތުން އަރިދަފުސް ރޯގާ ޖެހިއްޖެނަމަ، ކެއްސާ ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާ ކުރުމަށާއި ޓިޝޫފަދަ ތަކެތި ބޭނުންކުރުމަށްފަހު، ރައްކާތެރިގޮތުގައި ނައްތައިލުމަށް ހަނދާން ކޮށްދެއްވިއެވެ.


މީގެއިތުރުން ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަށާއި ދަތުރުމަތީގައާއި ހައްޖު އަދި އުމްރާ އަދާކުރުމުގައި އުޅޭއިރު، މާސްކު އަޅައިގެން އުޅުމަކީ އެންމެރަނގަޅު ގޮތް ކަމުގައި އެޗްޕީއޭ އިން ހަނދާންކޮށްދެއްވައެވެ.


ހަމަމިއާއެކު ކެއްސާ ކިނބިހި އަޅާނަމަ، މީހުންް އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި ހާއްސަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން އަދި ބަލިތައް ތަހައްމަލުކުރާ މީހުން ނުދިއުމަށް އެދިލައްވައެވެ. އަދި ރޯގާ ޖެހިފައިވާނަމަ، ކުޑަކުދިން ކައިރިއަށް ނުދިއުމަށާއި އެކުދިން އުރާ ނުހެދުމަށް ވެސް އެދިލައްވައެވެ.


އެޗްޕީއޭ އިން ވަނީ ހައްޖު ނުވަތަ އުމްރާ އިން އެނބުރި އަންނަތާ 14 ދުވަސްތެރޭ ހުން އައިސް، ކެއްސާ، ނޭވާލާން އުނދަގޫވެ، މޭގާ ރިއްސުންފަދަ ޢަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެދިލައްވާފައެވެ. އަދި ޑޮކްޓަރަށް ދައްކާއިރު، ހައްޖު ނުވަތަ އުމްރާ އިން އައި ފަރާތެއްކަން ހިއްސާކުރުމަށް ވެސް އެދިލެއްވިއެވެ.


ހުން އައިސް އަދި ރޯގާ ޖެހެިއްޖެނަމަ، ގޭގައި ދެވިދާނެ ފަރުވާތަކުގެ ތެރޭގައި ގިނަގިނައިން ދިޔާއެއްޗެތި ބޭނުން ކުރުމާއި އަރާމު ކުރުމާއި ހުން ގަދަނަމަ، އާދައިގެ ތާފަނާ ފެނުން ގައިގާ ފެން ހޭކުމަށް އިރުޝާދު ދެއްވައެވެ. އަދި ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް ޑޮކްޓަރުގެ މަޝްވަރާ އާއި ނުލާ ބޭނުން ނުކުރުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު