ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމުގެ ސިލްސިލާ ކުރިއަށް

4 months ago

އަފްރާހް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ސިލްސިލާ އަށް ބޮޅުތަކެއް އިތުރުވެއްޖެއެވެ.


އެގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި ކެއަރ ސޮސައިޓީ އާއެކު މިހާރުވަނީ ފަހުމުނާމާގައި ސޮއިކޮށްފައެވެ.


އެމްއޭސީއެލް އާއެކު ސޮއިކުރި ފަހުމުނާމާގެ މައިގަނޑު މަގްސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަސައްކަތުގެ ޢަމަލީ ތަޖުރިބާ ލިބިގަނެ، މަސައްކަތުގެ މައިދާނަށް ތައްޔާރުވުމަށް ބޭނުންވާނެ އެކި ހުނަރުތައް ތަރައްގީކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމެވެ.


އެ ވުޒާރާ އިން ވިދާޅުވީ މިފަދަ އިންޓަރންޝިޕްތަކުގެ ބައިވެރިންނަށް އެފަރާތްތަކުގެ ޝައުގުވެރިކަން ހުރި ދާއިރާތައް ފާހަގަކުރުމަށް ފަސޭހަވެގެންދިއުމާއި ވަޒީފާ ދޭ ފަރާތްތަކަށް ވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއެކު މަސައްކަތްކުރުމަށް އަހުލުވެރިވެގެންދާނެ ކަމަށެވެ.


މިއާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ދާއިމީ ވަޒީފާތަކުގެ ފުރުސަތުތައް ފަހިވެ، މަސައްކަތުގެ މާހައުލަށް މުޅިން ތަފާތު ހުނަރުތަކެއް ހުރި ފަރާތްތަކެއް އިތުރުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.


ކެއަރ ސޮސައިޓީއާއެކު ސޮއި ކުރި ފަހުމުނާމާގެ ދަށުން މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ކެއަރ ސޮސައިޓީގެ ފަރާތުން، އެ ވުޒާރާގެ ދަފްތަރުގައި ވަޒީފާގެ ފުރުސަތު ހޯދުމަށް އެދިވަޑައިގަނެފައިވާ ފަރާތްތަކުގެ ތެރެއިން ހޮވިފައިވާ ފަރާތްތައް ތަމްރީނުކުރާ ގޮތަށެވެ.


ދެމަސް ދުވަހަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މާހައުލަށް އަހުލުވެރިކޮށް، މަސައްކަތަށް ބޭނުންވާ އެކި ހުނަރުތައް ދަސްކޮށްދެވޭނެއެވެ.


އެ ވުޒާރާ އިން މީގެކުރިން ވެސް ވަނީ މި އަހަރުގެ މާރިޗު މަހުގެ ތެރޭގައި ހިލްޓަންގެ ރާއްޖޭގައި ހިންގާ ވަލްޑަރފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި، ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް އަދި ހިލްޓަން މޯލްޑިވްސް އަމިންގިރި ރިސޯޓްސް އެންޑް ސްޕާ އާއިއެކު ފަހުމުނާމާއެއްގައި ސޮއި ކޮށްފައެވެ.


މީގެއިތުރުން އެ ވުޒާރާ އިން މިހާރުތައްޔާރުވަމުން އަންނަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރުމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިންޓަރންޝިޕްގެ ފުރުސަތުތައް ހޯދައިދިނުމަށް އަމިއްލަ ކުންފުނިތަކާއި ފިހާރަތަކާއެކު ވެސް ދަނީ ގިނަ މަޝްވަރާތަކެއް ކުރަމުންނެވެ. 


ކިޔުންތެރިންގެ ހިޔާލު