ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބިލުތަކާމެދު އެމްޑީޕީގެ ކަންބޮޑުވުން

4 months ago

އަފްރާހް

ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބިލުތަކާމެދު ސިޔާސީ އިދިކޮޅު އެންމެބޮޑު ޕާޓީ، އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.


އެ ޕާޓީން މި ކަންބޮޑުވުން ފާޅުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ޖޫން 23 ވީ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.


ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ތަރުޖަމާނު މައުރޫފް ޒާކިރު ވިދާޅުވީ ސަރުކާރުން އިއުލާނުކުރި ލެޖިސްލޭޓިވް އެޖެންޑާ އާ މެދު ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ.


ކެންދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ޒާކިރު ވިދާޅުވީ އެ ޕާޓީގެ ކަންބޮޑުވުން އޮތީ ޢަމަލުކުރަން ނުފަށާ ބައެއް ގާނޫނުތަކަށް ސަރުކާރުން އިސްލާހު ހުށަހެޅުމުން ކަމަށެވެ. އެހެންކަމުން އެ ގާނޫނުތަކަށް ސަރުކާރުން އިސްލާހު ހުށަހެޅި ސަބަބުތައް ދެނެގަތުމަށް ފުޅާ ދާއިރާއެއްގައި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ފަރާތުން މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވިއެވެ.


ސަރުކާރުން މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ބައެއް ބިލުތަކުގެ ތެރޭގައި ދުސްތޫރީ ކަންކަމާއި ގާނޫނީ ކަންކަމާ ގުޅޭ 15 ބިލަކާއި ދައުލަތް ހިންގުމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ނުވަ ބިލަކާއި އަސާސީ ހައްގުތަކާއި މިނިވަންކަން ހޯދައިދިނުމަށް އަމަލުކުރަމުންދާ ގާނޫނުތައް އިސްލާހުކުރުމަށް އަށް ބިލެއް ހިމެނެއެވެ.


މީގެއިތުރުން އިސްލާމްދީނާއި ގައުމިއްޔަތާއި ސަގާފީ ކަންކަމާ ގުޅޭ އަށް ބިލަކާއި ގައުމީ ސަލާމަތާއި ޚާރިޖިއްޔާއާ ގުޅޭ 15 ބިލަކާއި ސިއްހަތާއި ދުޅަހެޔޮކަމާއި ގުޅޭ 11 ބިލަކާއި ބިމާއި މުދަލާއި އުމްރާނީ ތަރައްގީއާ ގުޅޭ 11 ބިލެއް ވެސް ހިމެނެއެވެ.


ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވާ އިތުރު ބިލުތަކުގެ ތެރޭގައި ތިމާވެެށި ރައްކާތެރިކުރުމާއި ހަކަތައާއި އާންމު ބޭނުންތަކުގެ ހިދުމަތާ ގުޅޭ ނުވަ ބިލަކާއި އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާއާ ގުޅޭ 20 ބިލަކާއި ކޮރަޕްޝަނާއި ކުށްކުރުން ހުއްޓުވުމާ ގުޅޭ 22 ބިލަކާއި ފައިސާ އާއި މާލީ ކަންކަމާ ގުޅޭ 22 ބިލެއް ހިމެނެއެވެ. އަދި ދަތުރުފަތުރާއި މުއާސަލާތީ ކަންކަމާ ގުޅޭ އަށް ބިލަކާއި ތައުލީމާއި މަސައްކަތްތެރިކަމާ ގުޅޭ ހަތް ބިލަކާއި ވިޔަފާރި އާއި އިގްތިސޯދާ ގުޅޭ 22 ބިލަކާއި ޒަމާނާ ނުގުޅޭތީ އުވާލަންޖެހޭ ނުވަތަ އިސްލާހުކުރަންޖެހޭ ގާނޫނުތަކާ ގުޅޭ 26 ބިލެއް ވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު

ރަޝީދާ ފޭދޫ

އާއްމުކޮށް މިގައުމައް ހެވެއް ނޭދޭ ބަޔެއް މިއެމްޑީޕީޔޭ މިކިޔާ ލާދީނީ ޖަމާއަތަކީ މުޅިންވެސް ގައުމު ގެ މަސްލަހަތު ނަގާލަން ހިއްވަރުދިނުމާ ދީނަށް ފުރައްސާރަ ކުރަން ހިއްވަރު ދިނުމާ އަމަލީގޮތުން ނަހީކުރެއްވި ހުރިހާކަމެއް ކުރަން ހިއްވަރު ދީ ބޮޑެތިމުސާރަ ދީގެން ވެސް ގައުމާއިދީން ފަނާކޮއްލުންއެއީ އެމްޑީޕީގެ އިސްސަފުގައި މިތިބަ ހާއިނުންގެބޭނުން

3 months ago