މި ސަރުކާރުން މަސްވެރިންނަށް ފިލައިގެން ނޫޅޭނެ: މިނިސްޓަރ

3 months ago

އަފްރާހް

މި ސަރުކާރުން މަސްވެރިންނަށް ފިލައިގެން ނޫޅޭނެ ކަމުގައި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.


ޕީއެންސީ ހައުސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައްޑޫގައި މަސްވެރިން ކުރަމުންދާ އިހުތިޖާޖަށް އިޝާރާތް ކުރައްވާ ވިދާޅުވީ މަސްވެރިން އިހުތިޖާޖު ކުރުމުން ސަރުކާރުން އެކަމާއި ނުރުހުން ފާޅު ނުކުރައްވާނެ ކަމަށެވެ.


ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ފެނި، މަސްވެރިންނަށް އުފާވެރި ދުވަސްތަކެއް އަންނާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.


މީގެއިތުރުން ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން މިހާރު ކުރަމުންދާ އެއް މަސައްކަތަކީ މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދިނުމުގެ މަސައްކަތް ކަމަށް ވެސް ވިދާޅުވިއެވެ. އަދި މި ހަފުތާގައި ވެސް އެ މަސައްކަތް ކުރިއަށްދާނެކަމަށް ވިދާޅުވިއެވެ.


މިނިސްޓަރ ވަނީ ނިމިދިޔަ ސަރުކާރުން މަސް ކިލޯއެއްގެ އަގު 17 ރުފިޔާއަށް ބޮޑުކުރުމަށްފަހު، މަސްވެރިންނަށް ފައިސާ ދެއްކީ ނެތް ފައިސާއެއް ޗާޕުކޮށްގެން ކަމަށް ވިދާޅުވެފައެވެ. އަދި ރިޔާސީ އިންތިޚާބުގެ ދެވަނަބުރާ ދިމާކޮށް މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބޮޑުކުރުމަށްފަހު، އައު ސަރުކާރު ވެރިކަމާ ހަވާލުވިއިރުވެސް އެމްޑީޕީ ސަރުކާރުން މަސްވެރިންނަށް އެއްވެސް ފައިސާއެއް ދީފައި ނުވާކަން ފާހަގަކުރެއްވިއެވެ.


ފިޝަރީޒް މިނިސްޓަރ އިތުރަށް ވިދާޅުވީ ގެއްލުމުގައި މަސް ގަތުމުގެ ސަބަބުން މިއަހަރުގެ ފުރަތަމަ ކުއާޓަރއާއި ހަމައަށް މިފްކޯއަށް 1.6 ބިލިއަން ރުފިޔާގެ ގެއްލުންވުން ކަމަށެވެ.


މިއީ އިގްތިސާދީގޮތުން ދަތި ދުވަސްވަރެއްނަމަވެސް މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިސްކަންދެއްވާކަން ތަކުރާރުކޮށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު