ހއ. ދިއްދޫ ބަނދަރާއި ޖެޓީ ހެދުމަށް ބޮޑުހިލައިގެ އިތުރު ޝިޕްމެންޓެއް ގެންގޮސްފި

3 months ago

ސާއި

ހއ. ދިއްދޫ ބަނދަރާއި ޖެޓީ ހެދުމަށް ބޮޑުހިލައިގެ އިތުރު ޝިޕްމެންޓެއް ގެންގޮސްފިއެވެ.


މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވާ ކުންފުނި، އެމްޓީސީސީން ވިދާޅުވީ އެރަށު ބަނދަރު ތަރައްގީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ ދަށުން، ބޮޑު ހިލައިގެ ތިންވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.


މީގެއިތުރުން އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތާއި އެެއްގަމު ތޮށިލުމުގެ ވޭރިއޭޝަން މަސައްކަތް ވެސް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ކުރީގެ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 87 އިންސައްތަ ވެސް ނިމިފައިވާކަމަށް ހާމަކުރައްވައެވެ.


މި މަޝްރޫޢުގެ ދަށުން، 78،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް، 49 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލައި، 58 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖަހާނެއެވެ. އަދި 81 މީޓަރުގެ ސަރަހައްދެއްގައި ނެރު ތޮށިލައި، 768 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓު ވެސް ޖަހާނެއެވެ.


މީގެއިތުރުން 898 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި 9270 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމަށް ވެސް ވަނީ ހަމަޖެހިފައެވެ.


މި މަޝްރޫއުގައި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭއިރު، މިއީ 88.36 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.


ކިޔުންތެރިންގެ ހިޔާލު