ޖެންޑަރ އީކުއަލިޓީ މޮޑެލް އެޑްވޮކޭޓުން އަލުން އައްޔަނުކޮށް ތަމްރީނު ކުރަނީ

3 months ago

އަފްރާހް

ޖެންޑަރ އީކުއަލިޓީ މޮޑެލް އެޑްވޮކޭޓުން އަލުން އައްޔަނުކޮށް ތަމްރީނު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.


2019 ވަނަ އަހަރު ތަސްދީގުކުރެވުނު މިންތީގެ ހަމަހަމަކަމާއި ބެހޭ ގައުމީ ސިޔާސަތާއި 2022 ވަނަ އަހަރުގެ މާރިޗް މަހު އިފްތިތާހުކުރެވުނު ނެޝަނަލް ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން (ޖީ.އީ.އޭ.ޕީ) އާއެކު މިންތީގެ ހަމަހަމަކަން ކަށަވަރުކޮށް، މިންތީގެ ތަފާތުކުރުމުގެ މައްސަލަ ހައްލުކޮށް އިތުރަށް ހަރުދަނާ ކުރުމަށް އޮނިގަނޑެއް ވަނީ އެކުލަވާލެވިގެން ގޮސްފައެވެ. 


މިއީ ދައުލަތުގެ މުއައްސަސާތަކާއި، ޕްރައިވެޓް ސެކްޓަރ ޖަމިއްޔާ ޖަމާޢަތްތަކާއި، މިންތީގެ ހަމަހަމަކަމަށް ވަކާލާތުކުރާ ފަރާތްތަކުގެ، މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ބާރުލިބިގެންދިޔަ ކަމެކެވެ.


އެއާއެކުވެސް، ޙަޤީޤީ މާނާގައި މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށް ސަރުކާރުގެ ހުރިހާ މުއައްސަސާއަކުން، ބައިނަލްއަޤްވާމީ މުޢާހަދާތަކާއި، ޤައުމީ ޤާނޫނީ އޮނިގަނޑާއި އެއްކީލަވާގޮތަށް އެ މުއައްސަސާގެ ވިސްނުން ބިނާކޮށް، މަސައްކަތްތައް ވިލަރެސްކުރުމާއެކު، އެކަންކަން ތަންފީޒުކުރާނެ ޢިލްމީ ޤާބިލް މީހުން ބިނާކުރުން ވަރަށް މުހިންމެވެ.


2023 ވަނަ އަހަރު ތެރޭގައި "ޖެންޑަރ އީކުއަލިޓީ މޮޑެލް އެޑްވޮކޭޓުން" (އެމްޖެމް އެޑްވޮކޭޓުން) ގެ ނަމުގައި ސަރުކާރުގެ ގިނަ އިދާރާތަކަކުން ދެ ފަރާތެއް ވަނީ އައްޔަނުކުރެވިފައެވެ. "ޖެންޑަރ އީކުއަލިޓީ މޮޑެލް އެޑްވޮކޭޓުން" (އެމްޖެމް އެޑްވޮކޭޓުން) އައްޔަނުކުރުމުގެ މަޤްޞަދަކީ، ހަމަހަމަކަމުގެ އުޞޫލުތަކަށް ޢަމަލުކުރުމަކީ މަދު ބަޔަކަށް ނުވަތަ ވަކި މުއައްސަސާއަކަށް ޚާއްސަ މަސައްކަތެއްކަން ޤަބޫލު ކުރުން ދޫކޮށްލާ، މިއީ ހުރިހާ އެންމެންގެ ޒިންމާއެއްގެ ގޮތުގައި ބަލައިގަނެ، އެންމެން ގުޅިގެން ކުރާ މަސައްކަތަކަށް ހެދުމެވެ.


އާ ސަރުކާރު ވުޖޫދުވުމަށް ފަހު، އާ މުއައްސަސާތައް ތަޢާރުފުވުމާއި، މަސައްކަތަށް އައި ބަދަލުތަކާއި އެކު، އަންހެނުންނާއި ފިރިހެނުން އަދި އަންހެން ކުދިންނާއި، ފިރިހެން ކުދިންގެ ވަކިވަކި ބޭނުންތައް ދެނަގަނެ، އެކަންކަމަށް ރިޢާޔަތްކޮށް، މަސައްކަތްކުރުމަށް ދައުލަތުގެ މުއައްސަސާތަކާއި ނިޒާމުތައް އިތުރަށް ހަރުދަނާކުރުމަށް މިންތީގެ ހަމަހަމަކަމަށް ވަކާލުތުކުރާނެ ފަރާތްތައް ދައުލަތުގެ ހުރިހާ މުއައްސަސާއެއްގައި ކަނޑައެޅުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ. އަދި އެމްޖެމް އެޑްވޮކޭޓުން އަލުން އައްޔަނުކޮށް ތަމްރީނު ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ހުރިހާ މިނިވަން މުއައްސަސާތައް ހިމެނޭގޮތަށް ޖެންޑަރ އެޑްވޮކޭޓުން އައްޔަނުކުރެވިގެންދާނެއެވެ.


މަޤްސަދަކީ ދެ ޖިންސުގެ ތަފާތުތަކާއި ބޭނުންތައް ދެނެގަނެ، އެކަންކަމަށް ރިއާޔަތްކޮށްކޮށް ޤާނޫނާއި ޤަވައިދުތަކާއި، ސިޔާސަތުތަކާއި، އުސޫލުތަކާއި އަދި ޕްރޮގްރާމުތައް ހުރިހާ ދާއިރާއަކުން އެކުލަވާލުމަށް (ޖެންޑާ މެއިން ސްޓްރީމް ކުރުމަށް) ޖީ.އީ.އޭ.ޕީގެ ޕޮލިސީ ލަނޑުދަނޑި 3 އާއި އެއްގޮތްވާ ގޮތުގެ މަތިން މުއައްސަސާތަކުގެ ފަންތީގައި މިންތީގެ ހަމަހަމަ ފުރުސަތު ތަނަވަސްކުރުމެވެ.


މިކަން ތަރުރީބުވެގެންދާހިނދު އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުރޒާރާގެ އެދުމަކީ ޖެންޑަރ އެޑްވޮކޭޓުން މެދުވެރިކޮށް އެފަރާތްތައް ތަމްސީލުކުރާ އިދާރާތަކުގައި ޖެންޑަރ މެއިންސްޓްރީމްކުރުމުގެ މަސައްކަތްތަކަށް ފުރިހަމަ އަޙައްމިއްޔަތުކަމެއް ދެވިގެން، ހަލުވި ދުވެލިއެއްގައި ކުރިއަށް ގެންދިއުމެވެ. އަދި ހުރިހާ ދާއިރާއެއްގައި ވެސް ކަނޑައެޅޭ ސިޔާސަތުތަކާއި ހިންގޭ ހަރަކާތްތަކަކީ އަންހެނުންނާއި، ފިރިހެނުން އަދި އަންހެން ކުދިންނާއި، ފިރިހެން ކުދިން ހިމެނޭގޮތަށް، މުޖުތަމައުގައި އުޅޭ ހުރިހާ އެންމެންގެ ވަކިވަކި ބޭނުންތަކަށް ރިއާޔަތްކުރާ، ހަމަހަމަކަމަށް ވާސިލުވާނެ ފަދަ ކަންކަމަށް ވެގެންދިއުމެވެ. 


ކިޔުންތެރިންގެ ހިޔާލު