ބަކާގެ ހާލު ސީރިއަސްވެ، އައިސީޔޫ ގަ

3 months ago

އަފްރާހް

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ގެ ހާލު ސީރިއަސްވެ، އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.


މައުލޫމާތު ލިބިފައިވާގޮތުގައި އޭނާގެ ހާލު ސީރިއަސްވީ ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު، މީގެ ދެ ދުވަހެއް ވަރު ކުރިން މާލެ އައި ތަނުންނެވެ. ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ދެއްވި ހާއްސަ ހުއްދައެއްގެ ދަށުން ހައްޖުގެ އަޅުކަން އަދާކުރަން ދިޔަ ބަކާ ހާލު ގޯސްވީ ވަރަށް ބޮޑަށް ހުން އައިސް ވަރުދެރަވެގެން ކަމަށް މައުލޫމާތު ލިބެއެވެ.


ރާއްޖޭގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ އުމުރުން 38 އަހަރުގެ ބަކާއަކީ 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއަށް ހޯދައި ދިނުމުގައި މުހިންމު ރޯލެއް އަދާކުރި ކުޅުންތެރިއެކެވެ. ރާއްޖެ އާއި ސްރީލަންކާގައި ބޭއްވި މި މުބާރާތުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައި، އިދިކޮޅު ޓީމުތަކުން ހައިރާން ކުރުވާފައެވެ.


އައިލެންޑް އެފްސީން ފުޓްބޯޅަ ކެރިއަރު ފަށައި، ރާއްޖޭގެ ބޮޑެތި ކުލަބުތައް ކަމަށްވާ ވެލެންސިއާ، ނިއުރޭޑިއަންޓް، ވިކްޓަރީ، ވީބީ އަށް ވެސް ކުޅެފައިވާ ބަކާ ވަނީ އީގަލްސް އާއި މާޒިޔާއަށް ވެސް ކުޅެފައެވެ.


މީގެއިތުރުން ބަކާ ވަނީ 2015 ވަނަ އަހަރު، މިޔަންމާ ލީގުގެ ކަންބައުޒާ އަށް ކުޅެފައިވާ ބަކާ ވަނީ 2010 ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ. އަދި 2011 ވަނަ އަހަރު ރާއްޖޭގެ ދެވަނަ ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައި ވެއެވެ.


އޭނާ ވަނީ ދިވެހި ގައުމީ ޓީމަށް 47 މެޗު ކުޅެދީ، 2005 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވެސް ކުޅެފައެވެ. އަދި 2018 ވަނަ އަހަރު ސާފްގެ ރަން މެޑަލް ހޯދި ޓީމުގައި ވެސް ބަކާ ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު