މި ސަރުކާރުން ފައިސާ ޗާޕު ކުރިކަމަށް ރައީސް ޔާމީން ތުހުމަތު ކުރައްވައިފި

3 months ago

އަފްރާހް

މި ސަރުކާރުން ފައިސާ ޗާޕު ކުރިކަމަށް ދޭހަވާ މޭރުމަކުން ކުރީގެ ރައީސް ޔާމީން ވާހަކަ ދައްކަވައިފިއެވެ.


އެމަނިކުފާނު މިފަދައިން ވާހަކަފުޅު ދައްކަވާފައިވަނީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ޖޫން 24 ވީ ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައެވެ.


އެ ޖަލްސާގައި ރައީސް ޔާމީން ވަނީ ޕީއެންސީގެ މައި ޖަގަހަ 'ޕީއެންސީ ހައުސް' ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ.


އެގޮތުން ފައިސާ ޗާޕުނުކޮށް މި ސަރުކާރު ހިންގަވާތީ އެއީ 'ކްރެޑިޓް ދޭން ޖެހޭ ކަމެއް ކަމަށްވާނަމަ ކްރެޑިޓް ދޭ' ކަމަށެވެ.


އެހެންނަމަވެސް މި އަހަރަށް ދައުލަތަށް 36 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި އޮތްއިރު، ހަ މަސް ނިމިގެން ހަތް ވަނަ މަހަށް އަޅާއިރު މިހައިތަނަށް ލިބުނީ 12 ބިލިއަން ރުފިޔާކަން ޔާމީން ފާަގަކުރެއްވިއެވެ،


ސަރުކާރުން މިހައިތަނަށް އޮންނަން ވާނީ 18 ނުވަތަ 22 ބިލިއަން ރުފިޔާ ލިބިފައި ކަމަށާއި ތަފާސްހިސާބަށް ބަލާއިރު ސަރުކާރުން 14 ބިލިއަން ހޯދަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. އެކަމަކު ސަރުކާރަށް އެ ފައިސާ ނުހޯދޭ ކަމަށް ވެސް ވިދާޅުވިއެވެ.


އޭގެ ސަބަބެއް ކަމަށް ޔާމީން ވިދާޅުވީ ސަރުކާރުން ޓްރެޝަރީ ބިލް ވިއްކައިގެން ފައިސާ ހޯދަން މަސައްކަތް ކުރި ނަމަވެސް އެ މަސައްކަތް ކާމިޔާބުނުވި ކަމަށެވެ. އަދި ދެން އޮތް ގޮތަކީ ރާއްޖޭގެ ބޮންޑު މެދުވެރިކޮށް ފައިސާ ހޯދުން ކަމަށާއި އެކަމަކު އެގޮތަށް ފައިސާ ހޯދުން ވެސް ކާމިޔާބުނުވާ ކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން މީރާގެ ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް މީރާއަށް ލިބިފައިވަނީ 12 ބިލިއަން ރުފިޔާ ކަމަށާއި އެހެންވެ، ރައީސް ވިދާޅުވާ ހިސާބު ދިމާ ނުވާ ކަމަށާއި އޭގެ ސަބަބު ހޯދަން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.


"މިއަދުގެ ހިސާބަށް ބަލައިނަމަ، 'އެޑްވާންސެސް ޓު ދަ ގަވަމެންޓް' އަށް އުޅެނީ 14.7 ބިލިއަން ރުފިޔާ ކަމަށާއި އެހެންވީމަ މިއައީ އެއްކަލަ 13.7 ބިލިއަން. އެހެންވީމަ އެމްއެމްއޭއިން ބޮރޯ ކޮށްގެން މި އުޅެނީ." ޔާމީން ވިދާޅުވިއެވެ.


ރައީސް ޔާމީން ވިދާޅުވީ އެއީ ފައިސާ ޗާޕު ކުރުން ކަމަށް ސިފަކުރައްވާފައެވެ. އަދި އެ ޕްރިންޓު ކުރާ މެޝިނަކުން ޗާޕުކޮށްގެން ގެނައުން ނުވަތަ އެމްއެމްއޭގައި ސާކިއުލޭޓު ނުކޮށް ހުންނަ ފައިސާ ނެގުން ކަމަށާއި ދެވަނަ ގޮތަށް ފައިސާ ނެގުމަކީ ފައިސާ ޗާޕު ކުރުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު