ސީނުކަރައިގެ އިތުރު އެއަރލައިން އެއް ރާއްޖެއަށް އުދުހެން ފަށައިފި

3 months ago

އަފްރާހް

ސީނުކަރައިގެ އިތުރު އެއަރލައިން އެއް ރާއްޖެއަށް އުދުހެން ފަށައިފިއެވެ.


ޖޫން 24 ވީ ހޯމަ ދުވަހު ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ ޗައިނާގެ ޗޮންގިން ސިޓީގެ ޗޮންގިން އެއަރލައިނެވެ. އަދި މި އެއަރލައިނުން ދަތުރުތައް ކުރަނީ ސްރީލަންކާގައި ޓްރާންސިޓް ކުރުމަށްފަހު ރާއްޖެއަށް އަންނަގޮތަށެވެ.


މި އެއަރލައިނުން ރާއްޖެއަށް ހަފުތާއަކު ތިން ދަތުރު ކުރުމަށް ނިންމާފައިވާއިރު، މި ދަތުރުތަކުގައި ބޭނުންކުރަނީ އެއަރބަސް އޭ320 މަރުކާގެ ބޯޓެވެ. މިއީ 165 ސީޓުގެ ފްލައިޓެކެވެ.


ޗޮންގިން އެއަރލައިންގެ ފުރަތަމަ ފްލައިޓު ރާއްޖޭގެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސުމާއެކު ވަނި ފުރަތަމަ ފްލައިޓުގައި ރާއްޖެ އައި 82 ފަސިންޖަރުންނަށް މަރުހަބާ ކިޔުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އަދި ވޯޓަރ ސެލިއުޓެއް ވެސް ވަނީ ދީފައެވެ.


އެ ފަތުރުވެރިންނަށް މަރުހަބާ ދެނެންވުމަށް ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލްއާއި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވާންގް ލީޝިންއާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ހުންނެވިއެވެ. އަދި ޗޮންގިންގް އެއަރލައިންގެ ވައިސް ޕްރެސިޑެންޓް ޝިޔެ ޖިންގްޕިން އާއި އެމްއެމްޕީއާރުސީ، މަޓާޓޯ އަދި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.


ރާއްޖެއަށް މިހާރުވެސް ސީނުކަރައިގެ ތިން އެއަރލައިނަކުން ދަތުރުތައް ކުރެއެވެ. އެއީ ބެއިޖިން ކެޕިޓަލް، ސިޗުއާން އެއަރލައިންސް އަދި ޗައިނާ އީސްޓާން އެވެ.


ކިޔުންތެރިންގެ ހިޔާލު