އައިސީޔޫ ގައި ފަރުވާދެމުން ދަނިކޮށް ބަކާ ނިޔާވެއްޖެ

6 months ago

އަފްރާހް

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ގެ ހާލު ސީރިއަސްވެ، އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.


އޭނާގެ ހާލު ސީރިއަސްވެގެން ހަސްފަތާލުގައި އެނދުމަތިކޮށް، ފަރުވާދޭން ފަށާފައިވަނީ ޖޫން 25 ވީ އަންގާރަ ދުވަހުއެވެ.


ބަކާގެ ހާލު ސީރިއަސްވެގެން އެންދުމަތިކުރީ ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު، މީގެ ދެ ދުވަހެއް ވަރު ކުރިން މާލެ އައި ތަނުންނެވެ. ބަކާ ހައްޖަށް ދިޔައީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ދެއްވި ހާއްސަ ހުއްދައެއްގެ ދަށުންނެވެ.


ރާއްޖޭގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ އުމުރުން 38 އަހަރުގެ ބަކާއަކީ 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއަށް ހޯދައި ދިނުމުގައި މުހިންމު ރޯލެއް އަދާކުރި ކުޅުންތެރިއެކެވެ. ރާއްޖެ އާއި ސްރީލަންކާގައި ބޭއްވި މި މުބާރާތުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައި، އިދިކޮޅު ޓީމުތަކުން ހައިރާން ކުރުވާފައެވެ.


އައިލެންޑް އެފްސީން ފުޓްބޯޅަ ކެރިއަރު ފަށައި، ރާއްޖޭގެ ބޮޑެތި ކުލަބުތައް ކަމަށްވާ ވެލެންސިއާ، ނިއުރޭޑިއަންޓް، ވިކްޓަރީ، ވީބީ އަށް ވެސް ކުޅެފައިވާ ބަކާ ވަނީ އީގަލްސް އާއި މާޒިޔާ އަށް ވެސް ކުޅެފައެވެ.


މީގެއިތުރުން ބަކާ ވަނީ 2015 ވަނަ އަހަރު، މިޔަންމާ ލީގުގެ ކަންބައުޒާ އަށް ކުޅެފައިވާ ބަކާ ވަނީ 2010 ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ. އަދި 2011 ވަނަ އަހަރު ރާއްޖޭގެ ދެވަނަ ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައި ވެއެވެ.


އޭނާ ވަނީ ދިވެހި ގައުމީ ޓީމަށް 47 މެޗު ކުޅެދީ، 2005 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވެސް ކުޅެފައެވެ. އަދި 2018 ވަނަ އަހަރު ސާފްގެ ރަން މެޑަލް ހޯދި ޓީމުގައި ވެސް ބަކާ ހިމެނެއެވެ.


މި ހިތާމަވެރި ވަގުތުގައި މަރްހޫމް މުހައްމަދު އާރިފްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވާ، އާއިލާ އަށް ކެތްެރިކަން ދެއްވުން އެދި 'އޮއިވަރު' ގެ މުވައްޒަފުންނާއި މެނޭޖުމެންޓުން ދުޢާ ކުރަމެވެ. 


ކިޔުންތެރިންގެ ހިޔާލު