ބައެއް ރަށްރަށުގެ މަގުބައްތިތަކަށް ކަރަންޓު ދީފައިވަނީ އީއެލްސީބީ މެދުވެރިނުކޮށް

3 months ago

އަފްރާހް

ފެނަކަ ކޯޕަރޭޝަނުން ކަރަންޓްގެ ހިދުމަތް ދެވިފައިވާ ރަށްތަކުގެ މަގު ބައްތިތަކުގެ ސަލާމަތީ ކަންތައްތައް ހުރިގޮތް ބެލުމުގެ ގޮތުން ހުރިހައި ރަށެއްގައި ހުރި މަގުބައްތިތައް އިންސްޕެކްޓް ކޮށްފިއެވެ.


އެ ކޯޕަރޭޝަނުން ވިދާޅުވީ މި އިންސްޕެކްޝަނުން ގިނަ ރަށްތަކުގައި ހަރުކުރެވިފައި ހުރި މަގުބައްތިތަކަށް ކަރަންޓް ދެވިފައި ހުރީ އީއެލްސީބީ މެދުވެރި ނުކޮށްކަން ފާހަގަ ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.


މިގޮތަށް ކަރަންޓް ދޫކުރެވިފައި ހުރުމުން ނުރައްކާތެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމަކަށްވާތީ އެފަދަ ހާދިސާއެއް މެދުވެރިނުދިނުމަށް އެކުންފުނިން ކަރަންޓުގެ ހިދުމަތް ދެވޭ މަގުބައްތިތަކަށް، މީގެފަހުން ކަރަންޓް ދޫކުރާނީ އެކުންފުނިން ދޭ ނަމޫނާ ކުރެހުމާއި އެއްގޮތަށް ސަލާމަތީ މިންގަނޑުތަކަށް ފެތޭގޮތަށް ހަދާފައި ހުންނަ ސަބް ޑީބީ ހަރުކުރެވިފައިވާ ފަރާތްތަކަށް ކަމަށާއި އަދި އެކަން އެ ކުންފުނިން ހިދުމަތްދޭ ކައުންސިލުތަކަށް އަންގާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.


މީގެއިތުރުން ސަބް ޑިބީ ހަރުނުކުރެވި ހުރި މަގުބައްތިތައް ޖޫން 27 ވަނަ ދުވަހުގެ ކުރިން ސަބް ޑީބީ ހަރުކޮށް ނިންމުމަށް ކުރިން އަންގާފައިވީ ނަމަވެސް ގިނަ ކައުންސިލްތަކުގެ އެދުމުގެ މަތިންނާއި މި މަސައްކަތުގެ މުހިންމު ކަމުން މި މުއްދަތު މިހާރު ވަނީ އިތުރު އެއް މަސް ދުވަހަށް އިތުރުކުރަން މި ކުންފުނިން ނިންމާފައެވެ.


މި މުއްދަތުގެ ތެރޭގައި ކައުންސިލްތަކުން ތަކެތި ފޯރުކޮށްދިނުމުން ފެނަކައިން ހިލޭ ސަބް ޑީބީތައް އިންސްޓޯލް ކޮށްދޭނެކަމަށާއި ނުވަތަ، ފެނަކައިން ތަކެތި ފޯރުކޮށް، ބިލް ކުރެވޭގޮތަށް މިކުންފުނީގެ ޓެކްނިކަލް މުވައްޒަފުންގެ އެހީތެރިކަމާއި އެކު ސަބްޑީބީ ތައްޔާރުކޮށް ހަރުކޮށްދިނުމުގެ މަސައްކަތް ކޮއްދެވިދާނެ ކަމުގައި ވެސް ވަނީ ދަންނަވާފައެވެ.


މިއީ ޔޫއާރުއޭގެ މިންގަނޑަށް މަގު ބައްތިތަށް ގެނައުމަށް ކުރެވޭ މުހިންމު މަސައްކަތަކަށް ވާތީ މި މުއްދަތުގެ ތެރޭގައި މިންގަނޑާއި އެެއްގޮތަށް އިސްލާހު ނުކުރެވޭ މަގު ބައްތިތަކުން ކަރަންޓް ޖުލައި މަހުގެ ނިޔަލަށް ކަނޑާލެވޭނެއެވެ. އަދި މި ކަންތަތައް ކައުންސިލްތަކުން ރަނގަޅު ކުރަމުންދޭތޯ ފެނަކައިގެ ބްރާންޗުތަކުން ގާތުން މޮނިޓަރ ކުރަމުން ދާނެއެވެ.


އެ ކުންފުނިން އަބަދު ވެސް މަސައްކަތް ކުރަމުން އަންނަނީ ރައްޔިތުންނާ ގުޅުން ހުރި މިފަދަ ކަންކަމަށް ހާއްސަ އިސްކަމެއްދީ ރައްކާތެރި، އަދި ރައްޔިތުން ބަލައިގަންނާނެ ފަދަ ހިދުމަތެއް ފޯރުކޮށްދިނުމަށެވެ.


ކިޔުންތެރިންގެ ހިޔާލު